English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

2013 ވަނަ އަހަރުގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް އެ ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރު ވަނީ ނިންމާފައި ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ ޖޭއެސްސީ އަށް ލިބެމުންދާތީ އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި “ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓެއް” އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގަ ބުނެފައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ ހުރިއިރު، އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަސް ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއްވެސް ހިމެނެ އެވެ.

މީގެ އިތުރުން ގިނަ ދުވަސްވީ މައްސަލަތައް ބެލުމަށް ވަކި މުއްދަތެއް ދިނުމަށްފަހު، އެގޮތަށް ޢަމަލު ނުކުރާ ޣާޒީންގެ ސުލޫކީ މައްސަލަ ބެލުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.