ޖިިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން ގދ. ތިނަދޫގައި ޝާހް ކަރަންޓީންގައި ހުރުމާއި ގުޅިގެންނެވެ.
ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ،
އެހެންނަމަވެސް މި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް 21 މާޗް 2019 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު އެޕްރީލްމަހުގެ ތެރޭގައެވެ.
ޒިޔާދާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެންމެ ފުރަތަމަ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު އޭގެ ފަހުން ހާލު ސީރިއަސް ވެ އޭނާވަނީ މާލެ ގެނެސް ފަރުވާ ދީފައެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވީ، އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓުން ދައްކާގޮތުގައި ޒިޔާދާގެ އެކި ގުނަވަންތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން އޭނާގެ ދެ އަތުގެ މުލައްދަނޑީގައި ލޭގަނޑުވެފައި ހުރި އިރު، ބޮލުގެ އަރިމަތިން ފުއްކިބައިގައި އަނިޔާ ލިބިފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ލޭ އެޅިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.