English Edition
Dhivehi Edition

ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި އަނިޔާކޮށްގެން އީވާން ނަސީމް މަރާލި ހާދިސާގެ ވާހަކައިގެ އަޑުގަދަވެ ވެރިކަންކުރާ މައިޕާޓީގެ އިސް މެމްބަރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާއިރު، އެމަނިކުފާނުގެ ދިފާއުގައި، ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވާހަކަފުޅުދައްކަވައިފިއެވެ

ޖަލުގައި ބަޑިޖެހީ ކޮމާންޑާ އިން ޗީފްގެ އޯޑަރަށްކަމަށާއި އެކަމަކު ބަޑިޖެހިމީހުން އުމުރަށް ޖަލަށްލާ، އަމުރުކުރިމީހާ އުފަލުގައި އުޅެމުންދާ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވިޓަށް ރައްދު ދެއްވަމުން އިބްރާހީމް ދީދީ ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ހުންނަވާ އެނގިވަޑައިނުގަންނަވާ ކަންކަމުގައި، މީހުންނަށް އިލްޒާމް އަޅުވައިގެން ނުވާނެ ކަމަށެވެ.

އެ ދުވަހު ޖަލުގައި ބަޑި ޖެހީ ޗީފް އިން ކޮމާންޑަރުގެ އަމުރުފުޅަށް ކަމަށް ތުހުމަތު ކުރައްވައި ނިހާދު ކުރެއްވި ޓުވިޓާއި ގުޅިގެން، ރައީސް މައުމޫނުގެ ދިފާއުކޮށް، އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގައި ބަޑި ޖަހައިގެން ގައިދީންތަކެއް މަރާލި އިރު، ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާ ބޭނުން ކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރު ކުރައްވާފައި ނުވާކަމަށެވެ.

އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި ޖަލުގައި ގައިދީންތަކަކަށް ބަޑި ޖަހައިގެން މަރާލި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް، އޭރު އުފައްދަވައި މި މައްސަލަވަނީ ތަހުޤީގުކޮށްފައެވެ. މި ގޮތުން އެ މައްސަލައިގައި 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު 08 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، މެރުމަށްވަނީ ހުކުމްކޮށްފައެވެ.