އައްޑޫގައި ބާއްވަން ތާވަލުކޮށްފައިވާ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް މިއަހަރުވެސް އޮންނާނެ ކަމުގެ އުއްމީދު ގެއްލި އެކަމުގެ ޝަކުވާ ބެލެނިވެރިން ކުރަން ފަށައިފިއެވެ. އައްޑޫގެ ސްކޫލްތަކާއި ކުޅިވަރު އެސޯސިއޭޝަންތަކުންދަނީ ކޮންމެ އަހަރަކުވެސް އިންޓަސްކޫލް ސްވިމިން މުބާރާތަށް ވަރަށް ކުރިއާލާ ތައްޔާރުކޮށް އެކަމުގެ ތަމްރީން ފޯރުކޮށްދެމުންނެވެ. އެގޮތުން ސްކޫލްތަކުގެ ހައުސް މުބާރާތްތައް އަހަރުގެ ކުރީކޮޅުން ފަށައިގެން ބާއްވައި އިންޓަސްކޫލް މުބާރާތުގައި ބައިވެރި ކުރާނެ ކުދިން ތައްޔާރު ކުރުމުގައި ބެލެނިވެރިން ބުރަ މަސައްކަތްތަކެއް ކުރަމުން ދެއެވެ.
މިކަމާގުޅޭގޮތުން އައްޑޫގައި ފަތަން ދަސްކޮށްދެމުން އަންނަ މަޝްހޫރު ކޯޗު މުޙައްމަދު ޢަލީ،މެރޭ ވިދާޅުވީ އައްޑޫގައި މުބާރާތް ނުބޭއްވިދާ ކޮންމެ ފަހަރަކީ، ދުޅަހެޔޮ ސިއްޙަތަކަށާއި އަމިއްލަ ސަލާމަތަށްޓަކައިވެސް ކުދިން ދަސްކުރަންޖެހޭ ފެތުމުގެ ހުނަރު އެކުދިންގެ ކިބައިގައި އަށަގަންނުވައި، މިކުޅިވަރު ދިރުވާ އާލާ ކުރުމަށް ކުރެވޭ މަސައްކަތުގައި އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށެވެ.
“ކުދިން ދަސްކުރަން އަންނަނީ މޮޅުވާން . މޮޅުކުދިންނާއި ވާދަކޮށްގެން ކުރިހޯދަން. އެފުރުސަތު އެކުދިންނަށް ގެއްލި ކުރިއަށް ދާނެ މަގު ބަންދުވުމުން ދެންވާނީ ކިހިނެއްތޯ؟ އެކުދިންގެ ޝައުގުވެރިކަން ގެއްލި މާޔޫސްވަނީ.” މެރޭ ވިދާޅުވީ އައްޑޫ ކުދިންނަކީ މިކަމުގެ ހުނަރު ހުރި މޮޅުކުދިންތަކެއް ކަމަށާއި އެހެންނަމަވެސް އެކުދިންނަށް ކުރިއަށްދާނެ މަގު ބަންދުވެފައިވާތީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިންޓަރސްކޫލް ސްވިމިން މުބާރާތް މިދިޔަ އަހަރުވެސް އައްޑޫގައި ބާއްވާފައެއް ނުވެއެވެ. ތަޢުލީމީ ވުޒާރާގެ އަހަރީ ތާވަލުގައިވެސް ހިމަނައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ކަނޑައަޅާ އެމުބާރާތް މިއަހަރު ފުރަތަމަ ތާވަލުކުރީ އޮގަސްޓް މަހު ބާއްވާގޮތަށެވެ. އެހެންނަމަވެސް އަލުން އެމުބާރާތް ބާއްވަން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްޓިވިޓީ ކަލަންޑަރުގައި މިހާރު އޮތީ މިހިނގާ އޮކްޓޯބަރ މަހުގެ 29 އިން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 06 ގެ ނިޔަލަށެވެ. އައްޑޫސިޓީގައި މި މުބާރާތް ބާއްވަމުން އަންނަނީ ފެތުމުގެ މުބާރާތުގެ އިތުރަށް ސްކޫލްކުދިންގެ ގިނަ ޙަރަކާތްތަކެއް ހިމެނޭ ކުޅިވަރު ފެސްޓިވަލަކާވެސް އެކުގައެވެ. މިފެސްޓިވަލް ބޭއްވުމާ ދެމެދު ދެން މާގިނަ ދުވަހެއްވެސް ނެތެވެ. މިމުބާރާތަށްޓަކައި އައްޑޫގެ ފެތުންތެރިންނާއި ބެލެނިވެރިން ކުރަމުންއައި އިންތިޒާރަށް މިއަދު މިވަނީ މާޔޫސްކަން ކުރިމަތިވެފައެވެ. ބެލެނިވެރިންގެ ޝަކުވާ އިންތިހާއަށްބޮޑެވެ.
“މުބާރާތެއްގެ ހިލަމެއް ވެސް ނެތް. އެއްވެސް ފަރާތަކުން އެއްވެސް ކަމެއް އަންގާފައެއްނެތް. ކުދިން ވިއްސިވިހާލި ވެއްޖެ. ” މިކަމާގުޅޭ ގޮތުން އޭއޯ ނިއުސްއިން ވާހަކަ ދެއްކުމުން އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގެ ބެލެނިވެރިންތަކެއް އެމީހުންގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.
” މިދިޔަ އަހަރުވެސް ކުދިން ކުރީ އިންތިޒާރު. މިއަހަރުވެސް ނިމިގެން މިދަނީ އެއްވެސް އަލިމަގެއްނުފެނި”. ބެލެނިވެރިއެއް.
މިމައްސަލައިގައި އެސްކޫލްގެ އެހެން ބެލެނިވެރިއަކު ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިން މުބާރާތްތައް ބާއްވައި ރަންވަނަތަކާއި މެޑެލް ހޯދާއިރު އޭނާގެ ދަރިފުޅު ފެންކަޅިވެފައި އެމަންޒަރު ބަލަން ހުންނަ ކަމަށާއި މުބާރާތްތަކުގައި ވާދަކުރެވޭގޮތަށް ދިރިއުޅުން މާލެ ބަދަލުކޮށްދޭންވެސް އެދޭކަމަށެވެ.
ހިތަދޫސްކޫލްގެ ޕީޓީއޭ މެންބަރުންތަކެއްވެސް ވަނީ އައްޑޫގައި ސްވިމިން މުބާރާތް ނުބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
” ބެލެނިވެރިން ހާދަބޮޑު ގުރުބާނީއަކާއި ހާދަ ބޮޑު ހޭދައެއް ކޮށްގެން ކުރާ ކަމެކޭމީ. ކުއްޖާ ފަތަންހުންނަ ޝައުގެއްގެ ބޮޑުކަމުން ބެލެނިވެރިން އެކަން ދަސްކޮށްދެނީ. އެކަމަކު އެބުރަ މަސައްކަތް މިދަނީ ފަންފުލުން.”
ފަތަން ދަސްކޮށްދޭ ޕްރޮގްރާމަކަށް ގަވާޢިދުން 2 ކުދިން ފޮނުވަމުން ދާ އެ ބެލެނިވެރިޔާ ހާމަކުރިގޮތުގައި ކުދިންގެ ޝައުގުވެރިކަން ގެއްލި އެކަމުގެ ގެއްލުން ފަތަން ދަސްކޮށްދޭ ފަރާތްތަކަށްވެސް ފޯރާކަމަށާއި ކުދިން މަދުވުމުގެ ސަބަބުން ކްލަބްތަކަށް މާލީ ދަތިކަން ކުރިމަތިވެ ގަވާޢިދުން ދާ ކުދިންނަށްވެސް ކޯޗުން ހަމަޖެއްސުމަކީ މިއަދު އައްޑޫގައި އުނދަގޫކަމެކެވެ.
” މިކުދިންނާއެކު ފަތަމުންދިޔަ އެކުދިންގެ ކޮއްކޮމެން ބޭބެމެން މާލޭގެ މުބާރާތްތަކާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަންމެޑަލް ހޯދަމުން އެދަނީ. 40 ހާހަށްވުރެ ގިނަ މީހުންގެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ކީއްވެގެންތޯ މިފަދައާދައިގެ މުބާރާތެއް ނުބޭއްވިގެން އުޅެނީ. މީގެ ކުރިންވެސް މުބާރާތް ބޭއްވި ޓްރެކް މިއަދުވެސް އެބައޮތް. ކިތައްމެ އުނދަގޫވިޔަސް ކުރިންވެސް ބޭއްވި ގޮތަށް މިހާރުވެސް ބާއްވައިދިނިއްޔާ ކީއްތޯ؟
މިކަމާ ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުވުމަށް ސްވިމިން އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް ޢަލީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެއެސޯސިއޭޝަންގެ ބަހެއް ނުލިބެއެވެ.
ކުދިންގެ ޙައްގުގައި ފިދާވަމުންދާ އައްޑޫސިޓީގެ ބެލެނިވެރިން މިއަދު އެދިއެދިތިބީ ތާވަލާއެއްގޮތަށް ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް އެސިޓީގައި ބާއްވައިދިނުމަށެވެ. މިކަމާގުޅިގެން، ހުނަރުވެރި އެތައް ކުދިންނާއެކު އެކުދިންގެ ޢާއިލާތައް، އުފަންރަށާއި އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރާނެފަދަ ޙާލަތެއް ނޭދޭނަމަ، އައްޑޫސިޓީ ކައުސިލްވެސް ހިމެނޭހެން ސްކޫލްތަކާއި މުވައްސަސާތަކުން މިފަދަ މަގުބޫލު މުބާރާތްތައް ފަސްވިޔަނުދީ، ބާއްވައިދިނުމަށް ބާރުއެޅުން، ނުވަތަ އެފަދަ އެހެން މުބާރާތެއް ތަޢާރަފް ކުރުމާއިގެން އުޅުން މާލަސްވެސް ވެއްޖެއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ސްވިމިން ގެ އިތުރުން، ބޮޑެތި ޕޫލްތައް ހަދައި، ޕްލެޓްފޯމް ޑައިވިންއަށްވެސް ފައްކާ ކުރަމުންދާއިރު އައްޑޫ މިއޮތީ ހާދަ ފަހަތުގައޭ ހިތަކަށް ނައަރާތޯއެވެ.