English Edition
Dhivehi Edition

ބަރަހަނާ ވެބްސައިޓުތަކަށާއި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދިނުމަށް އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި އެންމެހާއި ހިއްސާދާރުންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވަނީ އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމާއި ގުޅޭ ގޮތުންނެވެ. މި ގޮތުން މި ޚުތުބާގައިފާހަގަކޮށްފައިވާ ގޮތުގައި މި ޒަމާނުގައި ދިރިއުޅުމަށް ބޭނުން ޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ އިންޓަނެޓުގެ ވަސީލަތްކަން ފާހަގަކޮށް މި ވަސީލަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފި ނަމަ، މިއީ ވަރަށް ބޮޑު ނިއުމަތެއް ކަމުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ޚުތުބާގައި ބަރަހަނާ ވެބްސައިޓުތަކަށާއި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނުމުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންގެ ޒިންމާއެއްކަން ވަނީ ފާހަގަކޮށްފައެވެ. “އެހެންކަމުން، އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްދެއްވުމަށް މިމިންބަރު މަތިން ގޮވާލަމެވެ. ﷲ ތަޢާލާ ތިޔަބޭފުޅުންގެ ވިޔަފާރީގައި ބަރަކާތްލައްވާށިއެވެ،” ޚުތުބާގައިވެއެވެ.

ޚުތުބާގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ބުނެފައި ވަނީ ޒިންމާދާރު ޑިޖިޓަލް ރައްޔިތެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއެކު އެފަރާތްތަކުގެ ޒިންމާވެސް ނުހަނު ބޮޑު ކަމަށެވެ. އެހެންކަމުން އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް، ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ދަސްކޮށް ދިނުމަށް ހުތުބާގައިވަނީ އިލްތިމާސްކޮށްފައިވެއެވެ.