ފަލަސްތީނުގެ ބިމަށް އަތްގަދަ ކޮށްގެންތިބި ޔަހޫދީން މަސައްކަތް ކުރަމުން ދަނީ އެބިމުން މުސްލިމުންގެ ވަސް ވެސް ފޮހެލުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ފަލަސްތީނާއި އިސްލާމީ އުންމަތުގެ މައްޗަށް އަލިއަޅުވައިލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަލްޤުދުސްގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތަކެއް ހިންގަމުން ދާ ކަމަށެވެ. އަދި ޔަހޫދީ މީޑިއާ މެދުވެރިކޮށް އަލްޤުދުސްގައިވާ އިސްލާމީ މުޤައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް ދަނީ އޮޅުވާލުމުގެ ޖަރީމާއެއް ހިންގަމުން ކަމަށް ވެސް ހުތުބާ ގައި ވަނީ ބުނެފައެވެ.
އެގޮތުން މަސްޖިދުލްއަޤްސާގެ ފޮޓޯކަމަށް މިޒަމާނުގައި މަޝްހޫރުވެފައިވާ ފޮޓޯއަކީ އެ މިސްކިތުގެ ފޮޓޯއެއް ނޫން ކަމަށާއި އެ ފޮޓޯއަކީ ޤުއްބަތުއް ޞަހްރާގެ ފޮޓޯއެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި މިއަށް ވުރެ ވެސް ނުރައްކާތެރި ޖަރީމާ އަކީ ސުލައިމާނުގެ ފާނުގެ ބިނާ ހޯދުމުގެ ނަމުގައި އަޤްސާ މިސްކިތުގެ ދަށުން ކޮންނަމުންދާ ބިންގަރާސް ކަމަށް ހުތުބާގައި ބުންޏެވެ.
“އޭގެ ހަގީގީ ބޭނުމަކީ އަޤްސާ މިސްކިތުގެ ދަށުގައި ފައްޅިތަކެއް އެޅުން. އެ ބިންގަރާސް ކޮނުމުގެ އާހިރު ނަތީޖާ އަކަށް ވާނީ އަޤްސާގެ ބިންގާބަލި ކަށިކޮށް ބިމާހަމަކޮށްލުން. އޭރުން ބިންސާފުކޮށް ނިމޭ އިރު ފެންނަން ހުންނާނީ ޔަހޫދީންގެ ފައްޅިތައް.” ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން މިހާރު ފަށާފައިވަނީ އަޤްސާ މިސްކިތް ބިމާހަމަކުރުމުގެ މަސައްކަތް ކަމަށާއި އެއަށް ފަހު ފެށިގެން ދާނީ މައްކާއާއި މަދީނާގެ މާތް ވެގެންވާ ދެ ޙަރަމްފުޅު ނައްތާލުމުގެ މަސައްކަތް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެން ކަމުން ޒުވާން ޖީލުތަކާ ހަޔަށް އެވާހަކަ ގެނެސްދިނުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގައި ވަނީ އެކުދިންގެ ހިތްތަކަށް މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ލޯބި ވައްދައި ދިނުމަށާއި، އެ ކުދިންނަކީ އެ ތަންތަނުގެ ހިމާތަޔަށް ތެދުވަން ކެރޭނެ ބަޔަކަށް ހަދައި ދިނުމަށާއި އެއީ މައިންބަފައިނާއި، މުދައްރިސުންގެ އިތުރުން ވެރިންގެ ވާޖިބެއް ކަމުގައި ދެކުމަށް ހުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.