ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތަކާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައި ދައުރެއް ކަމަަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެއަށް ނޫރުގެ އަލިކަން ލިބިގެން ދިޔަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފިއެވެ.
ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ ސުލްހަ މަސަލަސްކަން އާންމުވެގެން ދިޔަ ކަމަށެވެ.
ހުރިހާ އަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ގޮވާލާ ހުތުބާގައި ބުނީ ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް ކަމުގައި ލެއްވެވި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މައްސަރު ކަމަށެވެ.
“އެއީ ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ މުހައްމަދު ގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބިވަޑައިގަތުމުގެ މައްސަރު.” ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ފަހުރާއި ޝަރަފު ދުނިޔެއަށް ލިބިވަޑައިގަތުމުގެ ދުނިޔެއަށް ލިބުނު އިރު، ދުނިޔޭގެ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވާ ހުތުބާގައި ބުނީ އިންސާނިއްޔަތު އެ ދުވަސްވަރުހާ ދަށު ދަރަޔަކަށް ވެއްޓިފައި ނުވާ ކަމަށެވެ.
އެ ދުވަސްވަރު މީސްތަކުން ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރިކަމުގެ ތެރޭގައި ގެއްލިފައި ކަމަށާއި ނޭނގުމުގެ އަނދިރިކަމުގެ ތެރެއަށް ވަދެ މަގު އޮޅި ވާވަދެފައި ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި އަނިޔާވެރިކަމާއި ތަޅާފޮޅުމާއި އަރާރުންވުމާއި ފިތުނަ ފަސާދަ އާންމުވެފައި ވަނީ ހައިރާންވުން އެކަށީގެންވާ ދަރަޖައަށް ކަމަށް ވެސް ބުންޏެވެ.
ހުތުބާގައި ވަނީ ކުރީގެ ރަސޫލުންނާއި ނަބިއްޔުންނާއި މުސްލިހުން ދެއްވި ތައުލީމާއި އިރުޝާދު، ދެއްކެވި ތެދުމަގާއި ހިދާޔަތުގެ އަސަރު ވެސް ފެންނާކަށް ނެތް ކަމަށާއި އެފަދަ ނިކަމެތި ހާލަތަކަށް ދުނިޔެ ވެއްޓިފައި ވަނިކޮށް އިންސާނިއްޔަތަަށް ތެދު މަގު ދެއްކުމަށާއި ދުނިޔެ އިސްލާހު ކުރުމަށް ކީރިތި ރަސޫލާ ފޮނުއްވިކަން ހުތުބާގައި ފާހަގަކޮށްފައެވެ.
އެހެން ނަމަވެސް ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތަކާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައި ދައުރެއް ކަމަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެއަށް ނޫރުގެ އަލިކަން ލިބިގެން ދިޔަ ކަމަށް ވަނީ ބުނެފައެވެ. އަދި އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ ސުލްހަ މަސަލަސްކަން އާންމުވެގެން ދިޔަ ކަމަށް ވިދާޅުވެފައިވެއެވެ.