އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްގެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“މަސްޖިދުލް އަޤްޞާގެ މާތްކަންކަމުގެ މައްޗަށް” އަލިއަޅުވާލައްވާފައިވާ ޚުތުބާގައި ބުނީ އެ ބިމަކީ ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް ކަނޑައެޅޭކަށް ނެތް ކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްގެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އަލްމަސްޖިދުލް އަޤްޞާ އާއި އެ މިސްކިތް ހިމެނޭ ބިން އަލްޤުދުސް ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދާށުގައި ކަމަށާއި އެތަނުގެ ޙުރުމަތް ކަނޑައި އެތަން ތަޅާލުމަށްޓަކައި އަނިޔާވެރި އެތައް ޢަމަލުތަކެއް ހިންގަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޢަމަލުތަކަކީ ފަލަސްޠީންގެ މުސްލިމް ނަސްލު އެކީއެކަށް ނައްތާލުމުގެ އަނިޔާވެރި ހަރަކާތްތަކެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.
ޚުތުބާގައި އެކަން ހަރުކަށީ އިމާބާރާތުން ކުށްވެރިކޮށް ބުނީ އަޤްޞާއަކީ މުސްލިމުގެ އަގީދާއާއި ގުޅިފައިވާ މުޤައްދަސް މިސްކިތަށްވީހިނދު އަޤްޞާ މިނިވަންކޮށް ފަލަސްޠީންގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކުރެވޭތޯ ގަދައަޅަ މަސައްކަތް ކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ.
މީގެ އިތުރުން އުންމީދު ކަނޑާ ނުލުމަށާއި އަލް މަސްޖިދުލް އަޤްސާއަށާއި ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކާ އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.