މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރާ މީހުންގެ ތެރެއިން ކޮންމެ ހަތް މީހަކުން އެކަކީ ސިއްހީ ހިދުމަތްތެރިއެއް ކަމަށާއި، އަދި ބައެއް ގައުމުތަކުގައި މި އަދަދު ކޮންމެ ތިން މީހަކުގެ ތެރެއިން އެކަކަށް އިތުރުވެފައިވާތީވެ، މިކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
“މުޅި ދުނިޔޭން ބަލިޖެހިގެން ރިޕޯޓްކުރާ 14 އިންސައްތައެއްހާ ކޮވިޑް-19ގެ ކޭސްތައް ނިސްބަތްވަނީ ސިއްހީ ހިދުމަތްތެރިންނަށް. އަދި ބައެއް ގައުމުތަކުގައި މި އަދަދު 35 އިންސައްތަ އަށް އަރާ،” ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވިއެވެ.
އަދި ލިބިފައިވާ ތަފާސްހިސާބުތައް މަދުކަމުން މި ފަރާތްތަކަށް ބަލިޖެހިފައިވަނީ މަސައްކަތުގެ މާހައުލުން ކަމެއް ނުވަތަ ދިރިއުޅެމުން އަންނަ މުޖްތަމައުން ކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހޯދައިދިނުމަށް ގޮވާލާފައެވެ.
މިކަމުގައި ފަރުވާކުޑަކޮށްފިނަމަ ނަތީޖާއެއްގެ ގޮތުން އެ ފަރާތްތަކަށް ނޮވެލް ކޮރޯނާވައިރަސް ޖެހި، އެ މީހުންގެ އާއިލާތަކުގެ އިތުރުން ބަލިމީހުންނަށް ވެސް ފެތުރުމުގެ ފުރުޞަތު ބޮޑުވެގެންދިއުމުގެ އިތުރުން ކޮންޓްރޯލް ކުރުމަށް އުނދަގޫވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މި ބަައްޔަށް މުޅި ދުނިޔޭން މިހާތަނަށް 30.1 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 947,307 އެއްހާ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 21,905,046 އެވެ.