English Edition
Dhivehi Edition

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ މިންވަރު ދެގުނަ އަށް އިތުރުކުރުމަށް މަސައްކަތްކުރެވުމުންދާކަމަށް އެ ރަށުގެ ގަވަރުނަރު އަނީސް ބަސްވެޑަން ވިދާޅުވެއްޖެއެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބިރުވެރިކަން ޖަކާޓާގައި ވެސް އިންތިހާއަށް ބޮޑުވެފައިވާއިރު، މި މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު ބަލިޖެހޭމީހުންގެ އަދަދު އުޅުނީ ހާހަކަށްވުރެ މަތީގައެވެ. މިއީ މިދިޔަ އޯގަސްޓް މަހާ އަޅާބަލާއިރު ދެ ގުނަ ބޮޑު އަދަދެކެވެ.

އެހެންކަމުން 10 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޖަކާޓާގައި ބަލީގެ ހާލަތު ގޯސްވިޔަނުދިނުމަށްޓަކައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ މިންވަރު އިތުރުކުރުމަށް ދަނީ ބުރަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން، ޖަކާޓާގެ ގަވަރުނަރު ބަސްވެޑަން ވިދާޅުވީ މިހާރު އެވްރެޖްކޮށް ހަފްތާއެއްގެ މައްޗަށް ކޮވިޑް-19 އަށް 50،000 އެއްހާ ޓެސްޓްކުރެވޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އަދަދު ދެގުނަ އަށް އިތުރުކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށެވެ.

ދެކުނުއިރުމަތީ އޭޝިޔާ އިން ކޮވިޑް-19ގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް ޖަކާޓާ ނިސްބަތްވާ އިންޑޮނޭޝިއާ އިންނެވެ. މި ބަލީގައި އެ ގައުމުން 9،200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހާތަނަށް އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 232,628 އެވެ. އެ ގައުމުގައި އެންމެ ހާލަތު ގޯސްކޮށްއުޅޭ ޖަކާޓާއިން އެކަނިވެސް 57،469 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މި ބަައްޔަށް މުޅި ދުނިޔޭން މިހާތަނަށް 30.1 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 947,307 އެއްހާ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 21,905,046 އެވެ.