އިންޑޮނޭޝިއާގެ އައްސޭރިފަށުގައިވާ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ކަނޑަށް 7.3 މެނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެއެވެ. މިއަދު ހެނދުނު އިންޑޮނޭޝިއާ ގަޑިން 10:20 ގައި އައި މިބިން ހެލުމާ ގުޅިގެން، ބިން ހެލުން އައި ހިސާބާއި 1000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީ އެއް އަރާފާނެކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އިންޒާރުދީފައެވެ. އިންޒާރު ނެރުނު ސަރަޙައްދުގައި ހިމެނެނީ އިންޑޮނޭޝިއާގެ މަލަކޫ، އީސްޓް ނުސާ ޓެންގަރާ، ވެސްޓް ނުސާ ޓެންގަރާ އަދި ދެކުނު ސުލަވެސީ ސަރަހައްދެވެ.
މިބިންހެލުން އައިސްފައިވަނީ ޕްލޯރެސް ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ. މިއީ ރާއްޖެއާއި 5564 ކިލޯ މީޓަރު ދުރުގައިވާ ސަރަޙެއްދެއްކަމުން މި ބިންހެކުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
— Maldives Meteorology (@MetMaldives) December 14, 2021
ދެކުނު އޭޝިއަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާ އައީވެސް އިންޑޮނޭޝިއާއަށް އައި ބިންހެލުމަކާއި ގުޅިގެންނެވެ. 2004 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ހުޅަނގު އުތުރު ސުމަޓްރާގެ އައްސޭރިފަށަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމާއެކު އެރި ސުނާމީގައި އިންޑޮނޭޝިއާގެ އިތުރުން ރާއްޖެ، ސްރީލަންކާ، އިންޑިއާ، ތައިލެންޑް އަދި އިތުރު ނުވަ ގައުމަކުން 230،000 އަށް ވުރެ ގިނަ މީހުން މަރުވެ ރަށްރަށް ސުންނާފަތިވި ހިތާމަވެރި ޙާދިސާއާއި ކުރިމަތިލާން ޖެހުނެވެ.