English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަން ގަބޫލު ކުރެއްވުމުންނެވެ. އެހެންނަމަވެސް ފަހުން ޔައުގޫބްވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެކަމަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނެފައިވާއިރު ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހަޅަން ނިންމެވީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށާއި އަންނަ ހަފުތާގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ،

ގާނޫނުއަސާސީ ބުނާގޮތުން މަޖިލިސް މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.