English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައި އޮތް ނަމަވެސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ދައުލަތުން ބުނެފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީސް ވަނީ ހުއްޓިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީ އިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެންބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އަދި މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއާ ހަވާލާދީ،އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމާފައި ނޫނީ މަޖިލީހުގައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ އެ ގަވާއިދު އޮތްގޮތުން އާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ހުރަހެއް އެޅޭނެތޯ ދައުލަތާ ސުވާލު ކުރެއްވާފައެވެ.

މި ސުވާލަށް ޖަވާބު ދެމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. ނަމަވެސް އާ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް އައްޔަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ބުނެފައެެވެ.