English Edition
Dhivehi Edition
ސްޕްރީމް ކޯޓ: މިހާރު ފޮޓޯ

ޗާގޯސް އައިލެންޑްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގަ އެވެ. މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެެވެ.

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ޙިމާޔަތުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.

އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ. އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ފަހު މިދިޔަ ހުކުރު ދުވަހު ނިންމީ ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް ކަނޑުގެ ސަރަހައްދު ދެ ގައުމަށް ބަހާލުމަށެވެ. އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބޭނެ ކަމަށެވެ.