English Edition
Dhivehi Edition

“އަހަރެން ކުޑައިރުކޮޅަކަށް މި ރޫމް ގައި މަޑުކޮށްލިޔަސް އޯކޭތަ؟” އަންހެންކުއްޖާ އެސުވާާލުކޮށް ނިންމާލިއިރުވެސް އިނީ އިމްޖާދުގެ ކޮޓަރިއަށް ވަދެ ނިމިފައެވެ.
މިޖެހުނީ ކިހާބޮޑު މުސީބާތެއް ބާވައޭ އިމްޖާދުގެ ހިތަށްއެރިއެވެ. ވިއްސާރަ ރެއެއްގައި ނުވެސް ދަންނަ އަންހެންކުއްޖަކު އައިސް ކޮޓަރިއަށް ވަނުމަކީ ކުޑަކަމެއް ނޫނެވެ. އަމުދަކުން މީހަކަށް ފެންނާކަށް ރީތި މަަންޒަރެއްވެސް ނޫނެވެ. މިއީ ކޮންކަހަލަ ކުއްޖެއްބާވައޭ އިމްޖާދު ހިތާހިތާ ކިޔާލިއެވެ. އަނެއްކާ އެބުނާކަހަލަ ގޮތެއްފޮތެއްނެތް ކުއްޖެއް ކަމަށް ވެސް ވެދާނެއެވެ. މިއީ މިކޮޓަރިއަށް މިގޮތަށް ވަދެގަތުމަށް އަންހެންކުއްޖާ ހޯދި ބަހަނާއެއް ކަމެއްވެސް ނޭގެއެވެ.
އޭނާ އެނބުރި ކޮޓަރިތެރެއަށް ބަލާލިއިރު އަންހެންކުއްޖާ ނުހަނު ހަމަޖެހިލައިގެން ރޫމުގައި ހުރި އަރާމު ގޮނޑިއެއްގައި އިށީނދެގެން ފޯނާ ކުޅެނީއެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެ އިމްޖާދު ކޮޓަރީގެ ދޮރުލައްޕާލީ އެހެން މީހަކަށް މި މަންޒަރު ފެނުނަ ނުދިނުމަށެވެ.
ކޮޓަރިއަށް ވަދެފައި އެނދުގައި ގުޅަކޮށްފައި ހުރި ބައެއް ސާމާނު އެއްފަރާތަކަށް ޖެއްސޭތޯ އިމްޖާދު މަސައްކަތް ކުރިއެވެ. އެތަން ހުރިގޮތް ފެނިފައި އޭނާއަކީ ވަރަށް ގޮތެއްނެތް މީހެއް ކަމަށް މިކުއްޖާ ހީކުރާނެއޭ އިމްޖާދުގެ ހިތަށް އެރިއެވެ.
“އަޅާނުލާ. އަހަރެންގެ ރޫމްވެސް ހުރީ ހަމަ ތިހެން. ހެނދުނު ހައުސްކީޕިންއިން ރޫމް ރީތިކޮށްލާނެ” އިމްޖާދު ކުރަން އުޅުނު ބޭކާރު މަސައްކަތް ފެނިފައި އަންހެންކުއްޖާ އެއިން ގޮތަށް އިނދެ ބުނެލިއެވެ.
ނުގޮތަކަށް އެނދުގެ އެއްފަރާތުގައި އިމްޖާދު އިށީނދެލިއެވެ. މިކުއްޖާއަކާ ހެދި އޭނާ ބޭނުންއެއްވެސް ކަމެއް ނުވިއެވެ. ވާރޭގެ މަޖާ ވެސް ގެއްލުނީއެވެ. ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް މިކުއްޖަކު ރޫމުން ނުދަނީސް ޖައްސާލެވޭކަށް ވެސް ނެތެވެ. އިމްޖާދު އެކުއްޖާއާއި ދިމާއަށް ބަލާލިއެވެ. އޭނާ އިނީ ވަރަށް ހަމަޖެހިގެން ފޯނާ ކުޅޭށެވެ. އަވަހަކަށް މިތަނުން ދާނެ ވައްތަރެއްވެސް ނުޖަހައެވެ.
އިމްޖާދަށް އެހެން އިންނަން އުނދަގޫވިއެވެ. ނަމަވެސް ވާހަކަ ފަށާނެ ގޮތެއްވެސް ނޭނގެއެވެ. މިކުއްޖެއްގެ ނަމެއްވެސް އަދި މިތަނަށް އައިސްގެން އުޅޭ ބޭނުމެއްވެސް ނޭނގެއެވެ. ކުއްޖާ އިނީ ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ވެސް ނޫންކަން ނޭނގެއެވެ. ޖެހިލުމެއް ނެތި އައިސް އެހެންމީހެއްގެ ރޫމަށް ވަދެ އިންއިރު މިއީ އެއްވެސްކަހަލަ ގޮތެއްނެތް ކުއްޖެކޭ އިމްޖާދުގެ ހިތަށް ދިޔައީ އަރަމުންނެވެ. ނަމަވެސް މިއީ ވަރަށް ރީތި ކުއްޖެއްކަން ފުރަތަމަ ނަޒަރުންވެސް އޭނާއަށް ފާހަގަވިއެވެ. މާދިގު ނޫން ފަން އިސްތަށިގަނޑު އޮތީ ގޮތަކަށް ފަރުވާކުޑަގޮތަކަށް ހުޅިއެއްޖަހާ މައްޗަށް ނަގާފައެވެ. ނަމަވެސް ބައެއް އިސްތަށިތައް ހުޅީގެ ތެރެއިން ބޭރަށް އައިސް އޭނާގެ ދޮންމޫނު ވަށާލައިގެން ތިއްބެވެ. މޭކަޕްގެ އެއްވެސް ކުލަވަރެއް ނެތްނަމަވެސް އޭނާގެ މޫނު ދައްކަނީ އޮމާންކޮށް ނަލަކޮށެވެ. ލައިގެން އިން ހުދުކުލައިގެ ދޫ ޓީޝާޓާއި ނޫކުލައިގެ ޖިންސް އޭނާއާއި ވަރަށް ގުޅެއެވެ.
“ވާރޭ ހުއްޓާލީ ދޯ” އަންހެން ކުއްޖާ އޭނާއަށް ބަލަމުން ހިނިތުންވެލިއެވެ.
އެކުއްޖާ ހީނލުމުން ކޮލުގައި އެޅިގެންދިޔަ އަޑިކޮޅުވެސް އިމްޖާދަށް ފެނުނެވެ.
“އާން..ހީވަނީ އެހެންހެން” އެކުއްޖާ ފޮނުވާލަން ބޭނުންވާތީ އަވަސްއަވަހަށް އިމްޖާދު އެސުވާލަށް ޖަވާބު ދިނެވެ.
“ތޭންކްސް..ގުޑްނައިޓް..” އިތުރުވާހަކައެއް ދެއްކުމެއްނެތި ހަލުވިމިނެއްގައި ހިނގާފައި އެކުއްޖާ ހިނގައްޖެއެވެ.
“ގުޑްނައިޓް” އިމްޖާދު އެހެން ބުނިއިރު އެއަޑު އިވޭވަރަށް ވުރެ ދުރަށް އެކުއްޖާ ގޮސް ނިމިއްޖެއެވެ. އޭނާ ދަމުން ދިޔައީ ރޫމްގެ ދޮރުވެސް ލައްޕާދީފައެވެ.
ހުރިތަނުން ފުންމައިގެން ގޮސް އަވަހަށް ރޫމްގެ ދޮރު ތަޅުލުމަށް ފަހު އިމްޖާދު އައިސް އޭނާގެ އެނދަށް ވެއްޓިގަތެވެ. ހުދުކުލައިގެ ސީލިންގ އަށް ބަލާލަމުން ފުންނޭވައެއް ދޫކޮށްލީ ބިރުވެރި މުސީބާތަކުން ސަލާމަތްވި މީހަކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާ ބީދައިންނެވެ. ބާލީހުގައި ބާރަށް ބައްދާލަމުން ދެންވެސް އަވަހަށް ނިދޭތޯ ދެލޯމަރާލިއެވެ. ނިދެމުން ދިޔައިރުވެސް އެ ރޫމުގެ ތެރޭގައި އެއްވަސް ވެފައި ހުރި “ގުޑްގާލް” ގެ ވަސް އޭނާ ނޭފަތަށް އުނދަގޫކުރަމުން ދިޔައެވެ.
އިމްޖާދަށް ހޭލެވުނީ ފޯނުގެ އެލާމުގެ އަޑު މެދުކެނޑުމެއްނެތި އަޅަމުންދާތާ އެތައް އިރެއްވީފަހުންނެވެ. ހުދުކުލައިގެ ބްލެންކެޓްގެ ދަށުން ކުޑަކޮށް ބޯހިއްލާލުމަށްފަހު ކުޑަކުޑަކޮށް ލޯހުޅުވާލަމުން ލޮލުގެ އަރިމަތިން ފޯނުގެ ގަޑިއަށް ބަލާލީ ނިދާނެ ވަގުތުކޮޅެއް އިތުރަށް އޮވެދާނެކަމަށް ހިތައެވެ.
“އަސްތާ…! 7 ޖަހައި ބޮޑުވީ..! ” ދެވަނަ ސިކުންތުގައި އޭނާހުރީ އެނދުންފައިބާ ޓައިލްސް މަތީގައި ކޮޅަށެވެ.
ހެނދުނު ނުވައެއް ޖަހާއިރު އޮންނަ މީޓީންއަށް ތައްޔާރުވާން ދެން އޮތީ ހަމަކުޑައިރުކޮޅެކެވެ. އަންހެންކުއްޖަކު ތަނަކަށް ދާން ތައްޔާރުވާން ނަގާހައި ވަރަށް ވުރެ ގިނަވަގުތު އޭނާއަށް ބޭނުންވާނެއެވެ. އެއީ ކުޑައިރުއްސުރެންވެސް އޭނާގެ އާދައެވެ.
ވަރަށް އަވަސްކޮށްލައިގެން ތައްޔާރުވުމުންވެސް އިމްޖާދަށް ރޫމުން ނިކުމެވޭވަރުވީ 8:15 ވީފަހުންނެވެ. އަވަސް އަވަހަށް ރޫމްގެ ދޮރުހުޅުވާލާފައި ބޭރަށް ނިކުތް އިރު އެތަނުގެ ސްޓާފުން ބޭރުތެރޭގައި ހަރަކާތްތެރިވަމުން ދިޔަތަން ފެނުނެވެ. ރޭގެ ވިއްސާރައިގެ ސަބަބުން ތެމިފައިވާ ގަސްތައް މިހާރު ވަނީ އިރުގެ އަލިން ދިއްލިފައެވެ. ކުއްލިއަކަށް ރޭގެ ބިރުވެރި ހާދިސާ އިމްޖާދުގެ ހަނދާނަށް އައެވެ. އެއީ ކޮންތާކުން އައި މުސީބާތެއް ކަމެއްވެސް ނޭނގެއެވެ. ރޫމްގެ ދޮރު ތަޅުލުމަށް ފަހު ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީނދެ ބޫޓުގެ ނާޑުވާ އައްސަމުން ދިޔައިރުވެސް ރޭގައި ދިމާވި ހާދިސާ އޭނާގެ ސިކުނޑީގައި ކޮއްޓަމުން ދިޔައެވެ.
ހަލުވި ހިނގުމެއްގައި ގޮސް ކުޑަގޮތަކަށް ހެނދުނުގެ ނާސްތާ ކޮށްލައިގެން އިމްޖާދު މިސްރާބު ޖެހީ ކޮންފަރެންސް ރޫމާ ދިމާއަށެވެ. އޭރު މީޓީން ގަޑިޖެހެން ބާކީ އޮތީ އެންމެ 15 މިނެޓެވެ. މީޓިން ރޫމަށް ވަދެ ގޮނޑިއެއްގައި ހަމަޖެހިލަމުން އެތަނުގައި ދެން ވެސް އައިސްތިބި މީހުންނާ ދިމާއަށް އިމްޖާދު ބަލާލިއެވެ. އެއާއެކު އޭނާގެ ނަޒަރު ކުއްލިއަކަށް ހުއްޓިގެން ދިޔައެވެ. ދިމާ ކުރިމަތީގައި ރަސްމީ ހެދުމެއްގައި ފުރިހަމަ މޭކަޕާއެކު ރީތިވެގެން އެއިނީ ރޭގައި ދިމާވި މުސީބާތެއްފަދަ ކުއްޖާއެވެ. ކޮންފަރެންސް ރޫމުގެ މޭޒުތަކުގެ މެދުގައި ސަފަކަށް އަތުރާފައި ހުރި ފެހިކުލައިގެ ކުދިކުދި ގަސްތަކުގެ މެދުން އޭނާގެ މޫނު ފެންނަގޮތް ވަރަށް ލޯތްބެވެ. އެކުއްޖާގެ ނަޒަރު ސީދާވެފައިހުރި ކުރިމަތީގައި ހުރި ލެޕްޓޮޕަކަށެވެ. ރޭގައި އޭނާއާއި މެދު ހިތުގައި އުފެދުނު ނުބައި ހީކުރުންތައް ވަޔަށް ބުރައިގެން ދިޔަކަހަލައެވެ. މި މިޓިންގ އަކީ މަތީފަންތީގެ ކުންފުނިތަކުގެ ވެރިން ލެވެލްގެ މީހުންނަށް ބާއްވާ މީޓިން އަކަށް ވާއިރު މިތަނުގައި ތިބޭނީ ހައިޕްރޮފައިލް މީހުންކަން އިމްޖާދަށް އެނގެއެވެ. އެހެންވީމާ މިއީ ރޭގައި އޭނާ ހީކުރިކަހަލަ ގޮތެއް ފޮތެއްނެތް އަންހެންކުއްޖެއް ނޫންކަން އިމްޖާދަށް ގަބޫލުކުރަން ޖެހުނެވެ.
“ގުޑް މޯނިން..” އަޑަށް ކުޑަކޮށް ބާރުލާފައި އިމްޖާދު އަންހެންކުއްޖާގެ ސަމާލުކަން އަތުލިއެވެ.
“އޯހް…! ގުޑް މޯނިންގ…” ފުރިހަމަ މެޑަމް އެއްހެން އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވެ މޭޒުގެ އަނެއް ފަރާތުން އިމްޖާދާ ދިމާއަށް ސަލާމް ކުރުމަށް އަތް ދިއްކޮށްލިއެވެ.
މީ ކިއާރާ…” ސަލާމްކޮށްލަމުން އޭނާ ތައާރަފްވެލިއެވެ.
“މީ އިމްޖާދު…” އަލަށް ފެނުނު މީހަކަށް ތައާރަފްވާހެން ރަސްމީގޮތަކަށް އިމްޖާދު ބުނެލިއެވެ.
އިމްޖާދު ހީކުރީ ރޭގައި އެދިމާވި ހާދިސާގެ ވާހަކަ ބުނެފައި ސޮރީއޭ ކިއާރާ ބުނާނެ ކަމަށެވެ. ނަމަވެސް މީޓިންއަށް އައިސްތިބި އެހެން މީހުންނަށް އޭނަ ތައާރަފް ވަމުން ދިޔައެވެ. އިތުރަކަށް އިމްޖާދާ ދިމާއަށް ނުވެސް ބަލައެވެ. މިއީ ހަމަ އަރަތެއް ކަަހަލަ ކުއްޖެކެވެ.
-ނުނިމޭ-