ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑަށް 2 ކެޓަގަރީއަކުން އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެއްޖެއެވެ.
މި އެވޯޑަށް އީކުއޭޓަރ ވިލެޖް، ނޮމިނޭޓް ވެފައިވަނީ “ލީޑިން އެއާޕޯޓް ހޮޓެލް އަދި “ލީޑިން ހެރިޓޭޖް” މި 2 ކެޓަގަރީންނެވެ.
އައްޑޫސިޓީގެ ގަމުގައި ކައިމޫއިން ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖުން ވަނީ ވޭތުވެ ދިޔަ އަހަރުވެސް ސަޓާ އެވޯޑުގެ “ލީޑިން އެއާޕޯޓް” ގެ އެވޯޑު ހާސިލްކޮށްފައެވެ. މީގެ އިތުރުން އީކުއޭޓަރ ވިލެޖް ވަނީ ވިދިވިދިގެން 2 އަހަރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި “ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ” ހާސިލް ކޮށް 2017 ، 2018 އަދި 2019 ވަނަ އަހަރު “ލީޑިން އެއާޕޯޓް ހޮޓެލް ” އަދި “ލީޑިން ބުޓިކް ހޮޓެލް” މި ދެ ކެޓަގަރީން ސަޓާ އެވޯޑަށް ނޮމިނޭޓް ވެފައެވެ.
އީކުއޭޓަރ ވިލެޖު ފާހަގަކޮށްލެވެނީ އައްޑޫގައި ބާއްވާ ބޮޑެތި ގިނަ ރަސްމިއްޔާތުތައް އެތަނުގައި ބާއްވާ އަދި އާންމުންގެ ގިނަ ހަފްލާތައް ފަސޭހަ ކަމާއެކު ބާއްވާލެވޭ އާންމުންނާ ނުހަނު ގާތް ގުޅުމެއް ބާއްވާ ހޮޓަލެއްގެ ގޮތުގައެވެ. 2017 ވަނަ އަހަރުގެ ސައުތުއޭޝިއަން ޓްރެވަލް އެވޯޑް އީކުއޭޓަރ ވިލެޖުގައި ބާއްވާފައިވާއިރު މި ހަފްލާގައިވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދަށް ސަޓާގެ ފަރާތުން ޚާއްޞަ އެވޯޑެއްވެސް އަރުވާފައެވެ.
ސަޓާ އެވޯޑަކީ މި ސަރަހައްދުގެ ޓްރެވަލް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވިއިރު 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. އަދި މިދިޔަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ.