ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާއި ފުލުހުންނަށް ގިނަ ސުވާލުތަކެއް އަމާޒުކުރުވައިފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާކަމަށާއި އެ ފައިސާ ނުހިފަހައްޓައިފި ނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތްކަމަށް ނިންމާ މިދިޔަ އަހަރުގެ ކުރީކޮޅު އެމަނިކުފާނުގެ އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުންވަނީ ނެރެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު، ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ ނިންމާފައިވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް ދައުލަތަށް އެންމެ ބޮޑަށް އަމާޒުވީ ޔާމީންގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމުންނެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ސުވާލު ކުރެއްވީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް ގަބޫލު ކުރަންތޯ ވިދާޅުވެ އެވެ. ދައުލަތުން ބުނީ އެގޮތަށް އެދެވިދާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ މަނީ ލޯންޑްރިންގެ ގާނޫނުގެ 62 ވަނަ މާއްދާގައި ވާ ގޮތުން ލޯންޑަކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާތީ ކަމަށެވެ.
ދައުލަތަށް ލިބެން ޖެހެނީ ކިހާ އަދަދެއްގެ ފައިސާ ކަމާއި، އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރެވުނު ސަބަބަކީ ކޮބައިތޯ ސާފުކޮށްގެން ދެން އޮންނަ އަޑުއެހުމަކަށް ވަޑައިގަތުމަށް ސުއޫދު އެދިވަޑައިގެންނެވި އިރު ދެން އަޑުއެހުން އޮންނާނެ ދުވަހެއް ޝަރީއަތުން އިއުލާނެއް ނުކުރެ އެވެ.