English Edition
Dhivehi Edition
--ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ސައިކަލު ބުރާއި ހިނގާލުމުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

“އަޅުވެތިކަމާއި ވައްކަމާ ދެކޮޅަށް” ނަމުގައި ޒުވާނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން 41 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލާއިންތަކާއި ހިލާފަށް އެއްވުމުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައްޔަރު ކުރި 41 މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި މި ވަގުތު ހުރީ އެންމެ މީހެއް ކަމަށާއި ދެން ތިބި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައި ނުވާއިރު ހައްޔަރުގައި ހުރި މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ކުރިއަށް ދިޔަ އެއްވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާއިރި އިދިކޮޅު ކޯލިޝަނުން ބުނީ މާލޭގައި ކުރިއަށް ގެންދިޔަ އެ އެއްވުމުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާވެފައިވަނީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.ފުލުހުން އެއްވުމުގެ ބައިވެރިން ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައު ބުނީ، ޒުވާނުން އިސްނަގައިގެން މާލޭގައި ބޭއްވި އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރޭވުނު ހަރަކާތެއް ކަމަށާއި ނަމަވެސް އެކަމަށް ހުރަސް އެޅީ ފުލުހުންކަމަށެވެ.