English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުގެ ބައިވެރިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ އައްޑޫ ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން އައްޑޫ ސިޓީގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް ލެވެލް ގެ މި ކޯހުގައި 10 ވަނަ ގްރޭޑާ ހަމައަށް ތައުލީމު ހާސިލްކޮށްފައިވާ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ކޯހުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހިތަދޫ އަދި މީދޫގައެވެ.

ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ އައްޑޫގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.

އައްޑޫގައި ކުރިއަށް ގެންދާ ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ޚަބަރު ލިޔުމާއި އަދި ޓީވީ ޕްރެޒެންޓިން އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ކޯހުގައި ބައިވެރިވެވޭނެއެވެ. ކޯހުގައި ބައިވެރިވުމަށް ދައްކަން ޖެހޭނީ 250ރުފިޔާގެ ފީއެކެވެ. އަދި ކޯހުގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ތިރީގައި މިވާ ލިންކުން ފުރިހަމަ ކުރެވޭނެއެވެ.

http://form.jotform.com/kiyavaakudhin/basic-journalism-course-adducity

އޭއޯ ނިއުސް އިން މީގެ ކުރިންވެސް އައްޑޫގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގައި ޒުވާނުން ތަމްރީންކޮށް މި ދާއިރާއަށް ނެރެދީފައިވާއިރު މިއީ ސްކީމް އާއި ގުޅިގެން އޭއޯ އިން ކުރިއަށް ގެންދާ 2 ވަނަ ތަމްރީނު ޕްރޮގްރާމެވެ. ސްކީމްގެ ފުވައްމުލަކު ޗެޕްޓަރ އާއި ގުޅިގެން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް ފުވައްމުލަކުގައި ވެސް މިފަދަ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ކޯހުން 1 ވަނަ ހޯދި އިބްރާހިމް އަލީފަށް އިންޑިއާގެ ދިއްލީގައި ޑިޕްލޮމާ އިން ޖާޏަލިޒަމް އަށް ކިޔެވުމަށް ފުރުސަތު ހޯދާދީފައިވާއިރު އޭއޯ ނިއުސްގެ އެހީ އާއެކު ރާއްޖެއިން ބޭރުގައި މިހާރުވެސް 2 ކުއްޖަކު ޖާނަލިޒަމް ޑިޕޮލޮމާ ކޯސް ފުރިހަމަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ނޫސްވެރިން ތަމްރީނު ކުރުމުގެ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކީމްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން ރަޖިސްޓްރޭޝަން ކުރިއަށް ގެންދާ ގޮތާއި ބެހޭ އިތުރު މައުލޫމާތު ދެވޭނެއެވެ. އަދި 7782034 މި ނަމްބަރުން ވެސް މައުލޫމާތު ލިބިގެންދާނެއެވެ.

http://web.facebook.com/SCEAM2019/ (ސްކީމްގެ ފޭސް ބުކް ޕޭޖް)

ތިރީގައި މިވަނީ ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުގެ ބައިވެރިންގެ މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ އެކެވެ.