English Edition
Dhivehi Edition

ދިވެހިރާއްޖެއާއި އަދި އެމެރިކާގެ ދިފާޢީ އަދި ސަލާމަތީ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ދެ ޤައުމުގެ ސަރުކާރުން ގުޅިގެން “ފްރޭމްވަކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް”ގެ ނަމުގައި މިއަދު ފްރޭމްވަރކެއް އެކުލަވައިފި ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމެރިކާގައި ބޭއްވި ޙަފްލާގައި މި ފްރޭމްވަރކާ ބެހޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އަދި އެމެރިކާގެ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައިވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ފްރޭމްވަރކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެ ކަންތަކަކީ ދެ ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާއިރު، ކޯވިޑް19 ގެ މިހާލަތުގައިވެސް، ކަނޑު ފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން، ބައިނަލްއަޤުވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި، ދެ ޤައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިޔަށްދިޔުން މުހިންމުކަމަށްވެސް އެ ކަމަނާ ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަ ކުރި ގޮތުގައި މި ފްރޭމްވަރކްގެ ދަށުން، ދެ ޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެ ޤައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނޭ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީ އަށް ބޭނުން ޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން މި ފްރޭމްވަރކްގެ ދަށުން ފަހި ވެގެން ދާނެ ކަމަށްވެސް މިނިސްޓްރީ އޮފް އިން ޑިފެންސް އިން ވަނީ ހާމަކޮށްފައެވެ.