English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އެއްވެސް އިދާރާއަކާއި ޙިއްސާކުރުމެއްނެތި އަދި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށްކަމަށެވެ. އެހެންކަމުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށްވަދެ، ދިވެހި 3 މަސް ދޯންޏަކަށް އަރާ ސުވާލުކުރި މައްސަލައިގެ ތަފްސީލް ހޯދުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށްކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެެވެ.

ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ އަސްކަރިއްޔާއިން އަރާފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު، ހއ.ދިއްދޫ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުންނެވެ.

“31 ޖެނުއަރީ ގައި ހއ ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިގްތިޞާދު ސަރަހައްދުގެ ތެރޭގައި މަސްވެރިކަންކުރަމުންދިޔަ އދ މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު ލިބުނު. އެމައުލޫމާތު ލިބުމާއި ގުޅިގެން ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު، އެމްއެންޑީއެފް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއްގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު “ޝަހީދު އަލީ” ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ރީޓާސްކު ކުރެވި އެސަރަހައްދަށް ދިޔުމަށް ފުލް ސްޓީމުގައި ދަތުރު ފެށުނު. އަދި ކޯސްޓްކާޑުގެ އުޅަނދު “ޝަހީދު އަލީ” އެސަރަހައްދަށް ގޮސް އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏާއި މަސްވެރިންގެ ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރި” މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިޔާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިޔާ ކޯސްޓްގާޑުގެ ޝިޕް 253ށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުންކަން ކަށަވަރުކުރެވުނު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިޔާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގައި 1 ފެބްރުއަރީގައި ރަސްމީކޮށް އެދިފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނެޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.