ރާއްޖޭގައި މިވަގުތު 45000 ޓެސްޓުކިޓާއި 11000 ޖީން އެކްސްޕާޓް ކާޓްރިޖް އެބަހުރިކަމަށް ޑރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، މާލޭގެ އިތުރަށް ރަށްރަށުގައިވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ ޚިދުމަތް ފުޅާ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އަދިވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ ޕީސީއާރް ޓެސްޓް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކަމަށެވެ. މާލެސަރަޙައްދުގައިވެސް މިއަދުން ފެށިގެން އަލަށް ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓު ހަދަން ފަށާނެ ކަމަށާއި އަދި މިމަހުގެ ތެރޭ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް މިޚިދުމަތް ފެށިގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރަން ފެށިއިރާ އަޅާ ބަލާއިރު ބޮޑުތަނުން މިޚިދުމަތް ފުޅާވެ އިއްޔެ އެކަނި ވެސް 1700 ޓެސްޓު ހަދާފައިވާ ކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރ ނަޒްލާ ވަނީ ރާއްޖޭގެ ސަރަޙައްދުތަކުގައި ޓެސްޓިން ކެޕޭސިޓީ ހުރި މިންވަރުވެސް ޙިއްސާ ކުރައްވާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ދުވާލަކު 1000 އާއި 1300 އާއި ދެމެދު ޓެސްޓު ކުރެވޭއިރު ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 60 ޓެސްޓުމިހާރު ކުރެވެމުން އަންނައިރު މިއަދަދު 200 އަށް އިތުރު ކުރުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރެއްވިއެވެ. އަދި ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 80 ޓެސްޓު ކުރާއިރު މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓު ކުރެވެއެވެ. ގއ، ގދ ހިމެނޭ ޒޯނުގައި ވެސް ދުވާލަކު 40 ޓެސްޓު ހެދޭނެއެވެ.
ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ ޒޯނުގައި ދުވާލަކު 60 ޓެސްޓުހެދޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މާލެ ފިޔަވައި ޕީސީއާރް ޓެސްޓު ހަދާ ތަންތަނަކީކުޅުދުއްފުއްޓާއި އައްޑޫސިޓީއާއި ނ.މާފަރެވެ.
މިއާއެކު އުނގޫފާރާއި އޭދަފުއްޓާއި ލ ގަމާއި ތިނަދޫގައި ޖީން އެކްސްޕާޓް މެޝިނުން ޓެސްޓު ކުރެވޭގޮތަށް ހަމަޖެހިފައިވެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާރުވެސް ޑަބްލިއުއެޗްއޯގެ އެހީގައި ލިބިފައިވާ ޖީން އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މި މެޝިންތައް ބަހައްޓަން ހަމަޖެހިފައިވަނީ ގއ ވިލިނގިލި، ފުވައްމުލައް ސިޓީ ،އަދި ޅ ނައިފަރުގައެވެ.