English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

މިހާރު ފުވައްމުލައް ސިޓީއަށް ވެސް ޕީސީއާރް ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް، އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްތަކަށް ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް އާންމުކުރި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ، ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެޗްޕީއޭ އިން ހުއްދަ ދޭ ރަށްތަކަކީ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން އަދި 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކެވެ. އަދި އެ ރަށްތަކުގެ ތެރެއިން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ވަނީ ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސްވެފައިވުމެވެ. .

މި ގޮތުން އެޗްޕީއޭ އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ އަދަދު 88 އަށް އަރަފައިވާއިރު، އެ މިންގަނޑަށް ފެތޭ އިތުރު ރަށްތައް މިއަދު ވަނީ ހާމަކޮށްފައެވެ.

މިއަދު އެޗްޕީއޭ އިން އާންމުކުރި ލިސްޓުގައި ފުވައްމުލައް ސިޓީ ހިމެނިފައިވާއިރު މިއީ އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން މި މިންގަނޑަށް ފެތުނު ފުރަތަމަ ރަށެވެ. ފުވައްމުލައް ސިޓީގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން ކޮވިޑްގެ ވެކްސިންޖެހުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ ރަށު ކައުންސިލުންވަނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް ފައިސާގެ އިނާމު ވެސް ދީފައެވެ.