English Edition
Dhivehi Edition

އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކޮމަންވެލްތު މީޑިއާ ސެންޓަރ ފޯރ އޭޝިއާ (ކެމްކާ) އާއި އެން.އައި.އީ އާ ގުޅިގެން ފައްޓައިފިއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ކޮންމެ ދުވަހަކު 2 ގަޑިއިރަށް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިންވަނީ ހާމަ ކޮށްފައެވެ. ޒޫމް މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމް ތައާރަފު ކޮށްދެއްވީ ކެމްކާގެ ޑިރެކްޓަރ ޕްރޮފެސަރ މަދޫ ޕަހާރުއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބްދުﷲ ރަޝީދު އަޙުމަދު ފައްޓަވައިދެއްވި މި ޕްރޮގްރާމު ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޒޫމް މެދުވެރިކޮށް ކުރިއަށްދާ މި ޕްރޮގްރާމްގައި ރާއްޖޭގެ ސްކޫލްތަކާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ 677 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކެމްކާއިން ހަމަޖައްސަވައިދެއްވި ފެސިލިޓޭޓަރުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅި ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި ގޫގުލް ކްލާސްރޫމާއި ގޫގުލް ޓޫލްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުދިން އެސެސްކުރާނެގޮތާއި އަދި މުހިންމު ބައެއް އޮންލައިން ޓޫލްތަށް ކިޔަވައިދެވޭނެއެވެ. މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޮވިޑް19ގެ ފުރަތަމަ ބަލި މީހެއް ރާއްޖޭގައި ފެނުނު ހިސާބުން ފެށިގެން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އަދިވެސް އަންނަނީ އޮންލައިން ކޮށް ގޫގުލްމީޓް އަދި ޒޫމް މެދުވެރިކޮށް ކިޔަވައިދެމުންނެވެ.