އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު މުޙައްމަދު އަޝްރަފް މިއަދު ސަސްޕެންޑް ކޮށްފިއެވެ.
މި ޓީޗަރު ވައްޑޭ މަރަން ގޮވާލީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވައްޑޭ ފާޑުކީ މައްސަލައިގައެވެ. މި މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސަމާލުކަމަށް އައިސް އަދި އެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން އަޝްރަފް 30 ދުވަހަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވެއެވެ.
މަރަށް މަރު ހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން މަޝްވަރާކުރި މީހުން ވައްޑޭ އޭރު ސިފަ ކުރެއްވީ “ސިކު” ބައެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން ޓީޗަރު މުހައްމަދު އަޝްރަފް ފޭސްބުކްގައި ލިޔެފައިވަނީ ވައްޑޭ ތައުބާވާން އަންގައި އޭނާ އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ ކަމަށެވެ.
“މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަން ބަލަން މުސްލިމް ގައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!” އަޝްރަފް ފޭސްބުކްގައި ލިޔެފައިވެއެވެ.
މަރަށް މަރުހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި އަދި އެކިއެކި އިންޒާރު ދީފައިވެއެވެ. އިންޒާރުތަކުގެ ސަބަބުން ވައްޑޭ މިހާރު އުޅެމުން ދަނީ ސިފައިންގެ ސެކިއުރިޓީއާ އެކުގައެވެ.