English Edition
Dhivehi Edition

އޯޓިޒަމް ހުންނަ އެ ކުއްޖާ އަށް ވާހަކަ ދައްކާކަށް ކުރިއަކުން ނޭނގެ އެވެ. އަމިއްލަ ދުނިޔެ އަށް ގެއްލިފައި އެތައް އިރެއް ވަންދެން އިނދެ އެވެ. އަމިއްލަ ބޭނުންތައް ވެސް ބުނެދޭކަށް ނޭނގެ އެވެ. އެކަމަކު މީގެ އަހަރެއް ކުރިން ހޮސްޕިޓަލުން ދޭން ފެށި ތެރަޕީތަކުން ރަނގަޅު ބަދަލުތަކެއް ފެންނަން ފެށި އެވެ. ބައެއް ބަސްތައް ކިޔަން ފެށިއެވެ. ބޭނުންވާ ކަންކަން އިޝާރާތުން ކިޔައިދެ އެވެ. މުޅި އާއިލާ އަށް އުފާވެރިކަން ގެނުވި އެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ.

އެކަމަކު އެ ކުރިއެރުންތަކަށް ހުރަހަކަށް ވީ ކޮވިޑް-19 އެވެ. ފަރުވާތެރިކަމާ އެކު ދެމުން އައި ތެރަޕީތައް ހުއްޓުމާ އެކު ކުއްޖާގެ ކުރިއެރުންތަކަށް ވެސް ހުރަސް އެޅުނެވެ. މިއަދު އޮންލައިންކޮށް ތެރަޕީތައް ނަގަމުން އައި ނަމަވެސް ފުރިހަމަ ނަތީޖާއެއް ނުފެނެ އެވެ. އެ ކުއްޖާގެ ފަރުވާ އަށް ހުރަހަކަށް ވީ ކޮވިޑެވެ. މި ހާލަތެވެ.

މިއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. ކޮވިޑުގެ މި ހާލަތާ ގުޅިގެން ފަރުވާގެ ފުރުސަތުން މަހުރޫމް ވެފައި ތިބޭނީ އެފަދަ ކިތައް ކުދިންތޯ އެވެ؟ އެކަމުގެ ހިތާމަ ކުރަމުން ގެންދާނީ ކިތައް މަންމަ އާއި ކިތައް ބައްޕަ ހެއްޔެވެ؟

މިދިޔަ މަހު އެކަނި ވެސް ރާއްޖެ އިން 4،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. ރާއްޖޭގައި މި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 8،500 އިން މައްޗަށް އަރަ އެވެ. ދުވާލަކު 100 އަށް ވުރެ ގިނަ މީހުން އެބަ ޕޮޒިޓިވް ވެ އެވެ.

އެންމެ ފަހުން އަތޮޅުތެރެއަށް ވެސް ބަލި ފެތުރެމުން އެ ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. މިހާރު ވެސް 35 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 98 މީހަކު އެބަ ތިއްބެވެ. ދެ ރަށެއް އޮތީ މޮނީޓަރިންގަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 30 އަށް އަރަނީ އެވެ.

ހާލަތުގެ ނާޒުކުކަން ވަރަށް ވެސް ބޮޑެވެ. އިތުރު މީހުން މަރުވެ، ހާލަތު އަދިވެސް ދަށަށް ދާނެ ކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ގައުމުގެ ހަ ފަރާތުން ދަނީ އިވެމުންނެވެ. މި އަޑުތަކާއި ފާއިތުވި ހައެއްކަ މަހުން ލިބުނު ތަޖުރިބާ އަށް ބަލާއިރު، ސަމާލުވާން ޖެހޭ ކަންކަން ގިނަ އެވެ. ފަރުދީ ފެންވަރުގައި ވެވުނު އިހުމާލުން ހޯދަން ޖެހޭ އިބުރަތް ގިނައެވެ. ގައުމު އޮޔާ ދާން ދޫކޮށްލުން “އޯކޭ” ވެގެން ވާކަށް ނެތެވެ.

ގައިދުރުކަމެއް ނެތި، ރެ އާއި ދުވާލު ޒުވާނުން އެ ތިބެނީ ކޮފީގަ އެވެ. ކެފޭ ރެސްޓޯރެންޓުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. އެކުވެރި ރަހުމަތްތެރިންނާއި އާއިލާތައް، ޓީމު ޓީމަށް ބީޗުތަކަށް ޕިކުނިކު ދިއުމާއި ޕާޓީތައް ބޭއްވުން މި އޮތީ އާންމު ކަމަކަށް ވެފަ އެވެ.

މަގުތަކަށް ބެލި ނަމަވެސް ހަމަ އެ މަންޒަރެވެ. ފިނިބުރު ޖަހައިލަން ނުކުމެ އުޅޭ މީހުންގެ އަދަދު ވެސް އެތައް ހާހަކުން ގުނޭނެ އެވެ. ޒުވާނުން ވީމާ ބަލީގެ ނުރައްކަލެއް ނެތޭ ބުނެ ފަރުޖައްސައިލަގެން ތިބެވޭކަށް ނެތެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދުން ބަލާ ނަމަ މެޖޯރިޓީ އަކީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުންނެވެ. ނޫކަށިފުރައިގެ ޒުވާނުންނެވެ. ބޭރަށް ނުނިކުމެ ގޭގެ ބަލި އެނދުގައި އޮތް ކާފަ އާއި މާމަ އަށް އަދި ލޮބުވެތި މަންމަ އާއި ބައްޕައާ ހަމައަށް ކޮވިޑު އުފުލައިދޭ ސަވާރީއަކަށް ވެސް މިއަދު ވެފައި ވަނީ ޒުވާނުންނެވެ. މިއީ އެއްވެސް ހާލެއްގައި “އޯކޭ” ކަން ކަމެއް ނޫނެވެ.

ރާއްޖެ އިން ބަލި ޖެހުނު 60 އަހަރުން މަތީގެ މީހުން އަދަދު މިހާރު ވަނީ 350 އިން މައްޗަށް އަރައިފަ އެވެ. މަރުވި ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. މިއީ ކޮންމެވެސް މީހެއްގެ ކާފައެކެވެ. މާމައެކެވެ. މަންމައެއް ނޫނީ ބައްޕައެކެވެ. ނުވަތަ އެއްބަނޑު ތިމާގެ މީހެކެވެ. އެހެންކަމުން ކޮވިޑު ފެތުރޭނެ ގޮތަކަށް ފެތުރޭން ދޫކޮށްލައިގެން ތިބެ އިތުރު އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ބަލާން ތިބުން އެއްގޮތަކަށް ވެސް “އޯކޭއެއް” ނޫނެވެ.

ސްކޫލުތައް ނުހުޅުވި ދަރިވަރުން ގޭގައި ތިބެން ޖެހުމުން އެ ކުދިންނަށް ވަމުން ދާ ގޮތް ވިސްނައިލަމާތޯ އެވެ. ސްކޫލު މާހައުލުން ދަސްވާ އެތައް ކަމަކުން އެ ކުދިން އެ ތިބީ މަހުރޫމްވެފަ އެވެ. ގިނަ ކުދިންނަށް އޮންލައިންކޮށް ކިޔެވުމަކީ ދަތި ކަމެކެވެ. ގޮންޖެހުން އިންތިހާ އެވެ. ގޭތެރޭގެ މާހައުލުގެ ސަބަބުން ކިޔެވުމަށް އުނދަގޫވާ ކުދިން ގިނައެވެ. ކިޔަވާ ކުދިންގެ ހަޔާތުން އަހަރެއް ގެއްލުނީ ކަމަށް ބުނުމަކީ ގޯހެއް ނޫނެވެ.

ކޮވިޑާ ގުޅިގެން ގެއިން ބޭރަށް ނުދެވި ތިބި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ މެދު ވިސްނާލިންތޯ އެވެ. އެތައް ހާސް ބަޔަކު ގޭބަންދުގައި ތިބޭތާ ހަ މަސް ވަނީ އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ނަފްސާނީ ގޮތުން ބަލިވެއްޖެ އެވެ. ޑިޕްރެޝަންއަށް ވެއްޓިއްޖެ އެވެ. ނަފުސާނީ ބަލި މީހުންގެ ބަލީގެ ހާލަތު ގޯސްވެއްޖެ އެވެ. މި ހާލަތު ދެމިގެންދަންޏާ ދެން ވާނެ ގޮތެއް ނޭނގެ އެވެ. އެހެން ކަމުން ފަރުވާކުޑަކޮށްލުން “އޯކޭއެއް” ނޫނެވެ.

ވަށައިޖަހަމުން މިދިޔަ އާންމު ދިރިއުޅުމުން ބޭރަށް ޖެހިލަމާ ހިނގާށެވެ. ގައުމުގެ ވާހަކައެވެ. ކޮވިޑާ އެކު ޓޫރިޒަމް ހުއްޓުނީ އެވެ. ރިސޯޓްތައް ބަންދު ކުރީ އެވެ. ވިޔަފާރިތައް އިނދަޖެހުނީ އެވެ. ބަނގުރޫޓުވީ އެވެ. އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަން މަޖުބޫރުވީ އެވެ. މުސާރަ ކުޑަކޮށް އަތާއި އަނގަޔާ ދިމާނުވީ އެވެ. ގޭ ކުލި ނުދެއްކި އެތައް ބަޔަކު ބިކަވެ، އާއިލާތައް އެކީ މަގުމަތި ވީ އެވެ. އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރަމުން އައި ދިރިއުޅުން ދޫކޮށް ވީހާލެއްގައި ވާން ރަށަށް ބަދަލުވާން މަޖުބޫރު ވީ އެވެ.

ގައުމުގެ ލޮލުން އޮހެނީ ކަރުނަ އެވެ. ގައުމުގެ ހާލުގެ ދުލުން އެދި ގޮވަނީ މި ހާލަތުން ސަލާމަތް ކޮށްދިނުމަށެވެ. ގައުމުގެ ދަރިން ފަރުދީ ޒިންމާ އަދާކޮށްދިނުމަށެވެ. އެކަމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ޒުވާނުންގެ އަތްމަތީގަ އެވެ. އަމަލުތައް ބަދަލުކޮށް އާންމު ހާލަތަށް ގައުމު ގެނައުމުގެ ގައުމީ ވާޖިބު އެޅިފައި އޮތީ އަހަރެމެން އެންމެންގެ ކޮނޑުގަ އެވެ. މި ހާލަތުގައި ދިރިއެއް ނޫޅެވޭނެ އެވެ. މި ހާލަތު ދެމިގެން ދާން ކެތެއް ނުކުރެވޭނެ އެވެ. މިއިން އެއްވެސް ހަގީގަތެއް ގަބޫލުނުކޮށް ބޭނުންހާ ގޮތަކަށް އުޅުން “އޯކޭއެއް” ނޫނެވެ.

އަހަރެންގެ ޒިންމާ އަހަރެން އަދާ ކުރާނަމެވެ. ތިބާ ވެސް ތިބާގެ ޒިންމާ އަދާކޮށްދެއްވާށެވެ. “އޯކޭ” ވާން ވީ ކޮވިޑުން ސަލާމަތްވާން ކުރަން ޖެހޭ ކަންކަމަށެވެ.

ނޯޓު: މިއީ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.