English Edition
Dhivehi Edition

ޝިއުނާއަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ.

އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ މަސައްކަތުގަ އެވެ.

“ފެޔަށް ޖެހުމުގެ ބަދަލުގައި މީ އަޅުގަނޑުމެންގެ ބޭނުން ގައުމަށް ޖެހިފައިވާ ވަގުތު. ކިޔަވަމުން، އެހެން ކަންކަމަށް ވަގުތު ދެމުން ހަމަ ނިދި ނުލިބި މިއުޅެނީ އާރްއާރްޓީގެ އޮޕަރޭޝަންގައި” ޝިއުނާ ބުންޏެވެ.

ޝިއުނާއަކީ ފިލިޕިންސްގައި ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ. ކޮވިޑުގެ ސަބަބުން ކޮލެޖު ބަންދުކުރުމާ އެކު ޝިއުނާ ރާއްޖެ އައީ ސިއްހީ ހިދުމަތްތެރިންގެ ބޭނުން އިންތިހާ އަށް ޖެހިފައިވާ ހައްސާސް ވަގުތެއްގަ އެވެ.

ކޮވިޑު 19ގެ ބިޔަ ރާޅު ރާއްޖެ އަށް ބިންދާލައި، އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވަމުން ދިޔަ ނުރައްކާތެރި ވަގުތުގަ އެވެ. ކޮވިޑާ ގުޅިގެން އެކުލަވައިލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް ސިއްހީ ހިދުމަތްތެރިން ބޭނުންވެގެން އެކަން އިއުލާނު ކުރުމާ އެކު ޝިއުނާ ނިންމީ އޭނާގެ ތައުލީމާއި ހުނަރުގެ އަލީގައި ގައުމަށް ހިދުމަތް ކޮށްދޭން ނުކުތުމަށެވެ. އެ އަޒުމުގައި ޝިއުނާ މީގެ ތިން މަސް ދުވަސް ކުރިން ކޮވިޑުގެ އޮޕަރޭޝަންގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އާރްއާރްޓީއާ ގުޅުނީ، އެތައް ކަމެއް ގުރުބާން ކޮށްލުމަށް ފަހު އެވެ.

ޝިއުނާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ އާރްއާރްޓީގައި މަސައްކަތްކުރީ ވޮލަންޓިއަރެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ، ސައިކޯ ސޯޝަލް ސަޕޯޓް (ޕީއެސްއެސް) ދިނުމެވެ. އެކަމުން ތަޖުރިބާ ހޯދުމަށް ފަހު އޭނާ ވަނީ ކޮވިޑުގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

އާރްއާރްޓީގެ އެއް މެމްބަރު ޝިއުނާ: އޭނާ އަކީ މީގެ ތިން މަސް ކުރިން ފެށިގެން މި ޓީމުގެ މުހިންމު މެމްބަރެއް

ޝިއުނާ ސިފަކުރާ ގޮތުގައި، އާރްއާރްޓީގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން އެންމެ އުނދަގޫ ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ޕީޕީއީއާ އެކު ގިނަ ވަގުތު އުޅެން ޖެހުމެވެ. ޕީޕީއީގެ ހުރިހާ އެއްޗެއް ލައިގެން އުޅޭ އިރު ހަށިގަނޑަށް ވަރަށް ހޫނުވާ ކަމަށް އޭނާ ބުންޏެވެ.

“ޑީހައިޑްރޭޓްވުމުން ފެންފޮދެއް އެކަނި މި ބޮވެނީ. ބައެއް ދުވަސް ދުވަހު އަށް ގަޑިއިރު ވެސް ސޫޓް ލައިގެން އުޅެން ޖެހޭ،” ޝިއުނާ ބުންޏެވެ.

ސާމްޕަލް ނަގަން ދިއުމުގައި ހަނދާނުން ފޮހެލަން ދަތި އެތައް ހާދިސާއަކާ، އާރުއާރުޓީ މެމްބަރުންނަށް ވަނީ ދިމާވެފަ އެވެ. އެގޮތުން ޝިއުނާ އަށް އެންމެ އުނދަގޫވީ އުމުރުން އެންމެ ދެ ދުވަހުގެ ތުއްތު ކުއްޖެއްގެ ސާމްޕަލް ނެގުމުގައި އުޅުނު ވަގުތުވެ.

“ސާމްޕަލް ނަގަން ދާއިރު ގިނަ މީހުން ވަރަށް އެޕްރިޝިއޭޓް ވެސް ކުރޭ. ނަމަވެސް ބައެއް ފަހަރު އެބަ އާދޭ ޑީލް ކުރަން އުނދަގޫ ކޭސްތަކެއް. އެތަނުން އަޅުގަނޑު ހަދާނަށް އަންނަނީ ދެ ކޭސް އެއް،” ތަފުސީލު ދެމުން ޝިއުނާ ކިޔައިދިނެވެ.

“އެއް ކޭސްއަކީ ދެ ދުވަހުގެ ބޭބީއެއްގެ ސާމްޕަލް ނެގުން. ބޭބީއެއް ވީމަ އަޅުގަނޑުމެންނަށް ވެސް ފަސޭހައެއް ނުވި ސާމްޕަލް ނަގާކަށް. ދެ ނޭފަތުންނާއި ކަރުބުޑަށް ކޮށްފައިގެން ސާމްޕަލް ނަގާއިރު، ބޭބީއެއް ވީމާ އެބަ ހުރި އުނދަގޫތަކެއް. މި ކޭސްގައި ވީ ގޮތަކީ އަޅުގަނޑުމެން ސާމްޕަލް ނަގަން ކޮށްޕާލީމާ ރޯން ފެށީ. ދެން ބޭބީގެ ޕޭރެންޓްސް ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބީ އަޅުގަނޑުމެން ދެކެ. އުނދަގޫވީ އަސްލު ބޭބީ އަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުގެ ޔަގީންކަން ޕޭރެންޓްސްއަށް ދޭން.”

ދެން އޮތީ ސާމްޕަލް ނަގަން ދެކޮޅުހަދާ މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ވަގުތުތަކެވެ. ދެކޮޅު ހެދުމުގެ އިތުރުން ސާމްޕަލް ނަގަން ޖެހިލުންވާ މީހުން ވެސް ވަރަށް ގިނައިން ދިމާވެ އެވެ. އޭގެ ސަބަބަކީ ޝިއުނާ ބުނި ގޮތުގައި، ސާމްޕަލްއާ ބެހޭ މައުލޫމާތު ފުރިހަމައަށް ލިބިފައި ނެތުމެވެ.

“ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސާމްޕަލް ނެގުމަކީ ވަރަށް ތަދުވާނެ ނުވަތަ ވަރަށް ވޭން ހުރި ކަމެކޭ. އެހެންވެ، އަޅުގަނޑުމެންނާ އެކު ދާނެ ޕީއެސްއެސް ދިނުމަށް ވެސް ކުއްޖަކު. އޭރަށް ބޮޑަށް އެ މީހަކު ކާމް ކޮށްގެން، ވިސްނައިދީގެން ސާމްޕަލް ނެގޭނީ،” ޝިއުނާ ބުންޏެވެ.

އާރްއާރްޓީ މަސައްކަތް ކުރަނީ ދުވާލަކު ތިން ޝިފްޓަކަށް ބަހާލައިގެންނެވެ. އާރްއާރްޓީގައި ގިނައީ ކިޔަވާ ކުދިންނެވެ.

ޝިއުނާ ބުނި ގޮތުގައި، ކިޔެވުމަށް ބޭނުންވާ ވަގުތު، އެޗްއީއޯސީގެ މެނޭޖުމެންޓުން ހުސްކޮށް ދެއެވެ.

އާރްއާރްޓީމުގެ ދެ މެމްބަރަކު މަސައްކަތުގައި.

އާރްއާރްޓީގެ ކޮންމެ މިޝަންއަކަށް ޓީމުތައް ދަރުބާރުގެއިން ނައްޓާލުމުގެ ކުރިން އެ ޓީމުތަކަށް އާރްއާރްޓީގެ އެހެން މެންބަރުންގެ ފަރާތުން ތަރުހީބުގެ އަތްތިލަބަނޑިއެއް ދެ އެވެ. އެއީ ޓީމުތަކަށް ދޭ ހިތްވަރެކެވެ.

އާރްއާރްޓީއަކީ ހަމައެކަނި ސާމްޕަލް ނަގާ މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް ނޫނެވެ. އެ އަށް ވުރެ އާރްއާރްޓީގެ މަސައްކަތް ފުޅާވެފައި ބުރަ ބޮޑެވެ. ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަކީ ވެސް، އާރްއާރްޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އުމުރުން 19 އަހަރުގެ އާމިނަތު ނާޒިއާ އަކީ ކޮވިޑްގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތުގައި އުޅޭ ޒުވާނެކެވެ. މިއީ ވެސް އުނދަގޫ އަދި ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވާ ކަމެކެވެ. އެގޮތުން ކިރިޔާ ލަސްވިޔަސް ވަރަށް ދެރަވާ ކަހަލަ ބަސްތައް ބައެއް މީހުން ބުނެފައި އެބަހުރި ކަމަށް އޭނާ ކިޔައިދިނެވެ.

ނާޒިއާ އާއި ޝިއުނާ ވެސް މިއަދު އެ ތިބީ، އަމިއްލަ އެތައް އުފަލެއް ގުރުބާންކޮށް، އެކަމަކު ގައުމީ ޚިދުމަތުގަ އެވެ. ލޯބިވާ އާއިލާއާ ދުރުގަ އެވެ. ކޮވިޑުގެ ބަލި މަޑުކަމުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އަތުކުރި އޮޅާލައިގެންނެވެ. އުނދަގުލާއި ވޭނުގައި ރެ އާއި ދުވާލު ވަރުބަލިކަމެއް ނެތި އެވެ.

މި ދެ ޒުވާނުން ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސެއް އެބަ އޮތެވެ: ސިއްހީ ހިދުމަތްތެރީންގެ ބަސް އަހާށެވެ. ސިއްހީ ހިދުމަތްތެރިންނަށް އެއްބާރުލުންދީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކޮށްދޭށެވެ.

ނޯޓް: މިއީ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.