English Edition
Dhivehi Edition
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން/ފޮޓޯ ޕޮލިސް މީޑިއާ

 

މާލޭގެ 3 ގެއެއް ބަލާ ފާސްކޮށް ގިނަ ޢަދަދެއްގެ ޑްރަގާއި ފައިސާއާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ މިއޮޕަރޭޝަނަކީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ 18:15 އެހާކަންހާއިރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއަކާއި މާފަންނު ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން މާފަންނުން ފުލުހުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއްގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އަނެއް ގެއިން 54،800 ރުފިޔާ ފެނިފައިވެއެވެ. ގަލޮޅުން ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 3.301 ކިލޯގްރާމެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.