English Edition
Dhivehi Edition

 

2021 ގެ މެދަކާ ހަމައިން ނޫނީ ކޮވިޑް 19 އަށް ވެކްސިނެއް ހެދޭނެ ކަމުގެ އުއްމީދު ނުކުރުމަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނެފިއެވެ. ޑަބްލިއު އެޗްއޯއިން މިހެން ބުނިއިރު މިހާރުވެސް ދުނިޔޭގައި މިބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާއިން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭ ކޮވިޑް 19 ގެ ވެކްސިން ނެރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އިތުރު އެތައް ޤައުމެއްގައިވެސް ވެކްސިންގެ ފަހު މަރްޙަލާ ކުރިއަށްދާކަން ހާމަކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯއިންވަނީ މިގޮތަށް އަވަސް އަރުވާލައިގެން އެކި ޤައުމުތަކުން ތައްޔާރުކުރާ ވެކްސިނަކީ އޭގެ ސައިޑް އިފެކްޓް ބޮޑުވެފައި ބަލިން ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ކުޑަ އަދި ބޭނުން ކުރުމުގައި ރައްކާތެރިކަން ކަށަވަރުނުވާ ތަކެތިކަމަށް ވުމާއެކު އެފަދަ ވެކްސިނެއް ޑަބްލިއު އެޗްއޯގެ މިންގަނޑަށް ނުފެތޭނެ ކަމަށް ބުނެފައެވެ.

ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ 870،000 މީހުން މަރުވެ 26 މިލިއަނަށް ވުރެ ގިނަ މީހުން ބަލީގެ ޝިކާރައަކަށް ވެފައިވާއިރު ދިރިތިބީން ވެސް ޙާލުގައިޖެހި މުޅި ދުނިޔޭގެ އިޤްތިސާދު މިވަނީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ.

އަލިފްދާލުގެ ސިއްޙަތާބެހޭ އޭޖެންސީން ހާމަކުރާ ގޮތުގައި ވެކްސިން ބާޒާރަށް ނެރުމުގައި އެތައް ސަތޭކަ ފަންނުވެރިން ޙަރަކާތްތެރިވަމުން އެބަދެއެވެ.

ރަޝިޔާގައިވަނީ މިހާރުވެސް ވެކްސިން ޓެސްޓުކޮށް ނިންމާފައެވެ. ހުކުރު ދުވަހު އެޤައުމުގެ ލެންސެޓް މެޑިކަލް ޖާނަލްގައި ވާ ތަޙްލީލީ ރިޕޯޓެއްގައި ވާގޮތުން ޓެސްޓު ކުރެވުނު މީހުންގެ ހަށިގަނޑުގައި ވަނީ އިތުރު ގެއްލުމެއްނެތި އެންޓި ބޮޑީސް އުފެދިފައެވެ.

ވޮޝިންޓަން ގައިވެސް ނޮވެންބަރު 1 ން ފެށިގެން ވެކްސިން ދޫކުރާނެ ކަމުގެ އަޑުވަނީ ގަދަވެފައެވެ. މިއީ ޑޮނަލްޑް ޓްރަންޕުގެ ކެމްޕޭން ވަޢުދެއްގެ ގޮތުގައި ދެކިގެން ކުރެވޭ މުހިއްމު މަސައްކަތެކެވެ.

ޢާއްމުގޮތެއްގައި ވެކްސިނެއް ޓެސްޓު ކުރުމުގައި އޭގެން ލިބޭ ގެއްލުން ބެލުމަށް ދިގު މުއްދަތެއްގެ ތަޙުލީލުތަކެއް ކުރެވި މަދުވެގެން އަހަރެއް ނުވަތަ 2 އަހަރު މިކަމަށް ހޭދަ ކުރެއެވެ. އެހެން ނަމަވެސް ދުނިޔެ ކޮވިޑް 19 ގެ މިވަބާގައި އެއްވެސް ބަޔަކު ތަސައްވަރު ނުކުރާހާ ގެއްލުން ބޮޑު ފައްތަރަކަށް ގޮސްފައިވާތީ މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ޤައުމުތަކުން ދަނީ ވީ އެންމެ އަވަހަކަށް ވެކްސިން އީޖާދުކޮށް ނެރެވޭތޯ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.