English Edition
Dhivehi Edition

 

ޢުމުރުން އެންމެ 9 އަހަރުގެ ސޯފީ ރޮއެހޭރެމުން ކުރަމުން ދިޔަ އާދޭސް ފެންނަ ވީޑިއޯއެއް މިވަނީ ވައިރަލްވެފައެވެ. އެމެރިކާގެ ޓެކްސަސްގެ ފްރިސްކޯއަށް އުފަން މިކުއްޖާ ގެ މައިންބަފައިން ވަކިވުމަށްފަހު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއި މާމައާއެކުގައެވެ.

ސޯފީގެ ރުއިމާއި ގިސްލުމުން އެތައް ބައެއްގެ ހިތް ޒަޚަމް ކޮށްލި އެވީޑިއޯ ޢާއްމުންނަށް ފުރަތަމަ ފެނުނީ ގޯފަންޑްމީ ވެބްސައިޓުންނެވެ. އެވީޑިއޯއިން ފެންނަނީ ބައްޕަގެ ވެހިކަލުން ނުފައިބަން ސޯފީ ކުރި މަސައްކަތާއި މަންމައާއި މާމައާއެކު ނުދާން ކުރި އާދޭހެވެ. ދެލޯފުރާ ކަރުނަ އޮހޮރަމުން ކުޑަކުޑަ ސޯފީ އެންމެނަށް ކުރިމަތިކުރުވި ސުވާލަކީ އޭނާގެ ވާހަކަ އެކަކުވެސް ގަބޫލު ނުކުރަނީ ކީއްވެގެންތޯއެވެ. ސޯފީގެ ހުރިހާވެސް ބިރަކީ އޭނާގެ މަންމަގެ ލޯބިވެރިޔާގެ ވިހަގަދަ ވަކިތަކުގެ ޝިކާރައަކަށް ވެފައިވުމެވެ.

އެމަޢުސޫމް ހިތުގެ ވޭނީ އުދާސް ތައް ބަންޑުންވެ މުޅި ދުނިޔެ ސޯފީއާއި އެއްކޮޅަށް މިއަދު ތެދުވި އެވީޑިއޯގައި އެކުޑަ ކުއްޖާގެ އާދޭހާ ކެކުޅުން ކިތައްމެހާވެސް ރީއްޗަށް ފެންނަން އެބަހުއްޓެވެ.

ސޯފީއާއި އޭނަގެ ކުޑަ 2 ކޮއްކޮ

ގޯފަންޑްމީ ގައި ސޯފީގެ ވާހަކަ ހިމަނާ އޭނާއަށް އެހީވުމަށް އަތްއުފުލާލި މީހަކީ އޭނާގެ ދޮންމަންމަ ކޯޓްނީ ޗަލްމާސްއެވެ. ކޯޓްނީ ބުނެފައިވާ ގޮތުން ސޯފީ ވަނީ އޭނާގެ ދޮންބައްޕަގެ ފަރާތުން އެތައް ފަހަރަކު ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ އިތުރުން ރޭޕް ކުރުމާއި އެތަކެއް އަނިޔާގެ ޝިކާރައަކަށް ވެފައެވެ.

ސޯފީގެ ބައްޕަ އޭނާ ސަލާމަތް ކުރުމަށް ކުރަމުންދާ ހުރިހާ ކަމެއް ނާކާމިޔާބުވެ އެމަންމަގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަން ޖެހުމުގެ ބިރާއި އޭނާއަށް ކުރިމަތިލާން ޖެހިފައިވާތީ ސޯފީ ސަލާމަތް ކުރުމުގައި އެދެމެފިރިންވަނީ ޢާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ސޯފީގެ ބައްޕައާއި ދޮން މަންމަ

ވީޑިއޯގައި ސޯފީ ބުނެފައިވަނީ އޭނާއަށް ގޯނާ ކުރާއިރު މަންމަ އެމަންޒަރު ބަލަން ހުންނަ ކަމަށެވެ. އަމިއްލަ ގެއިން ލިބެމުންދާ އަނިޔާއިން އެކުޑަ ކުއްޖާގެ ހިތް ކުދިކުދިވެ ސަލާމަތުގެ އައްސޭރިއަކަށް ދާން އެކުއްޖާކުރާ ހިތްވަރު ކިތައްމެ ރަނގަޅަށް ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

ވައިރަލްވެފައިވާ ވީޑިއޯގައި ސޯފީގެ މާމައަށް އާދޭސް ކުރަމުން ދިޔައީ އޭނާއަށް ވަމުންދާ ގޮތް ބެލުމަށާއި އޭނާގެ އަޑު އެހުމަށެވެ. ހަށިގަނޑުގައި އަތްލީ ކާކުތޯ އެހުމުން ސޯފީ ބުނީ މިސްޓަރ ޖޭކް ކަމަށާއި އެމަންޒަރު މަންމަ ބަލަން ހުންނަ ކަމަށެވެ. ޖޭކް އަތްލަނީ ކޮންތާކުތޯ އެހުމުން ސޯފީ ” މައިވީވީ” އޭ ބުނެއެވެ. ސޯފީ އިތުރަށް ވާހަކަ ދައްކަމުން ނިދާހޭލާއިރު އަންނައުނުގައި ލޭ ހުންނަ ވާހަކައާއި ތަޅާފޮޅުންތަކާއެކު މިހާރު އޭނާ ވަރުބަލި ވެއްޖެ ކަމަށް ބުނެއެވެ. ސޯފީގެ އެވޭނީ ކެކުޅުމުގެ އަޑު އެހުމަށްފަހު ބީރުކަންފަތެއްދެމުން އެމާމަ ބުނަނީ ތިހާ އިހާނެތިކޮށް ކަންކުރެވޭނަމަ ކްލާހުން ރަންވަނައާއި ޖިމްނާސްޓިކުންވެސް މޮޅު ކުއްޖަކަށް ނުވެވޭނޭ ކަމަށެވެ.

ސޯފީ ބެލެހެއްޓުމާވެސް ޝަރީޢަތުން ޙަވާލުކޮށްފައިވާ އެމާމައަކަށް ކުޑަކުޑަ ސޯފީއަށް އަނިޔާވެރިވާ މީހުންނަށް ކުޑައިމީސް ބަހެއްވެސް ނުބުނެވުނެވެ.

ސޯފީއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެނީ

ވީޑިއޯގެ ބާކީ އޮތް ބައިގައި އޭނާގެ މަންމައާއި މާމަ ގެ އަނިޔާވެރި އަތްތަކުން ބައްޕަގެ ވެހިކަލުން ދަމާ ނެރުމަށް އެތައް މަސައްކަތެއް ކުރެވުނުއިރު ވީޑިއޯ ބަލާމީހަކަށް އެކުޑަކުއްޖާގެ ހަށިގަނޑާއި އަޑާއި ޙަރަކާތުން އޭނާގެ ވޭނީ ދުނިޔެ ވަޒަން ކުރެވޭނެއެވެ.

 

ގޯފަންޑްމީގައި ސޯފީގެ މަޢުލޫމާތު ޖެހުމާއެކު އެތައް ބަޔަކު ވަނީ އޭނާސަލާމަތްކުރުމަށް އެހީވެދީފައެވެ.އުއްމީދު ކުރި ވަރަށް ވުރެ އެތައް ގުނަ ބޮޑުކޮށް ލިބުނު އެއެހީއާއެކު ސޯފީގެ ބައްޕަވަނީ ކޯޓަށް މައްސަލަ ވައްދައި ލޯޔަރުންވެސް އެކަމަށް ޢައްޔަން ކޮށްފައެވެ.

ސޯފީގެ ސަލާމަތަށް އެދި އަންހެނުންތަކެއް އިޙްތިޖާޖު ކުރަނީ

ސެޕްޓެމްބަރ 1 ން ފެށިގެން ސޯފީއަށް ޙައްގު ހޯދައިދިނުމަށް ޓެކްސަސްގެ ޢާއްމުން ކުރި އިޙްތިޖާޖު ތަކާވެސް އެކު މިހާރު ސޯފީއަށްވަނީ ރައްކާތެރިކަމާއި ޙިމާޔަތް ދެވިފައިކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ސޯފީ ބެހެއްޓިފައިވަނީ ކޮންތަނެއްގައިކަން ޢާއިލާއަށްވެސް ފުލުހުން ނައަންގައި އެކަން އަދިވަނީ ސިއްރުކޮށްފައެވެ. މިހާރު މައްސަލައިގެ ތަޙުގީގު ފަށައި މިކަމާ ގުޅުންހުރި އެންމެން ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.