English Edition
Dhivehi Edition
ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު/ފޮޓޯ ސަގާފީތަރިކަ ރައްކާތެރިކުރާ މަރުކަޒް

 

ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަޙައްދީ ދާރުލްއާސާރަށް މިރޭ ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ސަރަޙައްދީ ދާރުލްއާސާރަށް ބަޔަކު ވަން ކަމުގެ ރިޕޯޓް ލިބުނުކަމަށާއި އެމައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެން ފުލުހުން މިހާރު އެމައްސަލަ ތަޙްގީގު ކުރަމުން ދާކަމަށެވެ. މިހާދިސާއިން ދާރުލްއާސާރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މިދާރުލް އާސާރުވަނީ ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މިއަހަރުގެ މާޗް 9 ން ފެށިގެން ޢާއްމުންނަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ތިނަދޫ ސަރަހައްދީ ދާރުލްއާސާރު ރަސްމީކޮށް އާންމުންނަށް ހުޅުވިގެން ދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގެ ތެރޭގައިއެވެ. ގައުމީ ދާރުލްއާސާރެކޭވެސް އެއްފަދައިން ތިނަދޫ ސަރަހައްދީ ދާރުލްއާސާރުގައިވެސް ތަފާތު އެކި އާސާރުތަކެއްގެ މައްޗަށް ބަހާލެވި ތައްޔާރުކުރެވިފައި ހުރި ވަރަށްގިނަ ކޮށާރުތަކެއް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނޭހެން ތައްޔާރުކުރެވި ހުރެއެވެ. މީގެ ތެރޭގައި ދިވެހިންގެ އާންމުދިރިއުޅުމުގައި އެކިކަންކަމުގައި އެންމެ ކުރީއްސުރެވެސް ބޭނުން ކުރެވުނު އެކިކަހަލަ އާލާތްތަކާއި ދިވެހިން ކޮށްއުޅުނު ބައެއް ސަޤާފީ މަސައްކަތްތައް ކުރުމަށް ޓަކައި ބޭނުން ކުރެވުނު އާލާތްތައް ފެންނަން ހުރުމުގެ އިތުރުން ތިނަދޫގެ ތާރީޚުގައި ހިނގައިގޮސްފައިވާ ފާހަގަކޮއްލެވޭ ބައެއް މުހިންމު ހާދިސާ ތަކާއި ގުޅޭ މައުލޫމާތާއި ފޮޓޯ ހިމަނައިގެން ކޮށާރުތައް ތައްޔާރު ކުރެވިފައި ހުރެއެވެ.

ހުވަދޫ ސަރަޙައްދީ ދާރުލްއާސާރުގެ އެތެރޭގެ މަންޒަރެއް