ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ސަގާފީ ތަރިކައިގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަޢުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް އެ މަރުކަޒުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ރަށްތަކުގައި ކުރަމުންދާ އެކިއެކި ދިވެހި ސަގާފަތާއި އާދަކާދަ އާއި ގުޅުން ހުރި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްކޮށް، އެފަދަ މަސައްކަތްކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަޢުލޫމާތުތައް އެއްކޮށް، ދަފްތަރުކޮށް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ އެ މަރުކަޒާ އެކު އެންމަހައި ފަރުދުންގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން ސަގާފީ މަސައްކަތް ކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުން މެއި 12 ވަނަ ދުވަހުގެ ކުރިން އެ މަރުކަޒުގައި ރަޖިސްޓްރީވުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.
އަދި މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރުމަށްފަހު އެ މަޢުލޫމާތު ހުށަހެޅުމަށާއި، އެ ފޯމު [email protected] އަށް ނުވަތަ [email protected] އަށް އީމެއިލް ވެސް ކުރެއްވިދާނެ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ. އަދި އެ ފޯމު 7947266 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށްވެސް ފޮނުވިދާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.
މީގެ އިތުރުން ސަގާފީ މަސައްކަތްތެރީންނާއި ސަގާފީ ކުޅިވަރު ކުޅުއްވާ ފަރާތްތަކާއި ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުން http://bit.ly/NCCHRegistration ލިންކު މެދުވެރިކޮށް އޮންލައިންކޮށްވެސް ދަފްތަރު ކުރެވޭނެ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުން އައި “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް” ގެ ނަން، “ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް ބަދަލުކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ.