English Edition
Dhivehi Edition

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް” ގެ ނަން، “ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް” ގެ ނަން، “ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވީ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް”ގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުވީކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

އެމަރުކަޒުން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހައިތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސަވައިފައި އޮތް ނަންބަރު ކަމުގައިވާ 222 ކަމަށެވެ.

“ޑިޕާޓްމަންޓް އޮފް ހެރިޓޭޖް”ގެ ނަމުގައި، އޮފީހެއް އުފައްދަވާފައިވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. މި ނަމުގައި އޮފީހެއް އުފައްދަވާފައިވަނީ ޑިމިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ތަރިކައާއި، ދިވެހި އާދަކާދައާއި ޘަޤާފަތާގުޅޭ ގޮތުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި އޭރުގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.