ކަޅުވަކަރު މިސްކިތާއި މައިޒާން އިއްޔެ އާންމުންނަށް ހުޅުވާލައިފިއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލްޓަން ޕާކުގެ އިރު ދެކުނު ކަންމަތީގައި ހުއްޓައި، 2016 ވަނަ އަހަރު ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި، ޗާންދަނީމަގު، މެދުޒިޔާރަތްމަހު ގުޅޭ ކަންމަތީގައި މިހާރު ބަހައްޓާފައިވާ ކަމަށެވެ. އިއްޔެ އެ މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
ކަޅުވަކަރު މިސްކިތް ހުޅުވާފައި ވަނީ އާންމުންނަށް ނަމާދު ކުރެވޭނެ ގޮތަށެވެ. އަދި މިސްކިތުގެ ވަށައިގެންވާ ސަރަޙައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ތަރައްޤީުކޮށްފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.
މިސްކިތް ހުޅުވުމާއި ގުޅިގެން އިއްޔެ މެންދުރު 14:00 އިން ފެށިގެން އާންމުންނަށް މިސްކިތާއި މިސްކިތުގެ ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެ ކަމަށާއި، މިސްކިތާއި މައިޒާން އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 9:00 އަށް ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.
މީގެ އިތުރުން ކަޅުވަކަރު މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް، ކޮވިޑް-19 އަށް ރިޢާޔަތްކޮށް އެޗްޕީއޭ އިން މިސްކިތްތަކާއި މައިޒާންތައް ބޭނުންކުރުމާއި ގުޅޭގޮތުން ދެމުންދާ އިރުޝާދުތަކަށް ސަމާލުވުމަށް އެ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައެއް ކަމުން، މިސްކިތާއި މައިޒާން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިސްކިތަށް ހުރުމަތްތެރިކޮށް ހިތައި، މިސްކިތަށް ގެއްލުން ނުލިބޭނެހެން ބޭނުންކުރުމަށްވެސް އެ މަރުކަޒުން ވަނީ އެދިފައެވެ.