English Edition
Dhivehi Edition

ޒަމާނުއްސުރެ ދިވެހިންނަކީ އިސްލާމީ ރިވެތި އާދަތަކަށް ލޯބިކުރާ ތާހިރު ދިރިއުޅުމެއް އުޅެމުން އައި ބަޔެކެވެ. އަމިއްލަ ކަންކަން އަބަދުވެސް އެހެން މީހަކާ ނުޖައްސާ ކޮށްލާ ބައެކެވެ. ސާފުތާހިރުކަމަށް ލޯބިކުރާ ހީވާގި ރައްޔިތެއް ދިރި އުޅެމުންއައި ޖަޒީރާ ރަށްތަކެކެވެ. މިކަން އިހުގެ ފަތްފުށްތަކުން ފެންނާން ވެސް އެބައޮތެވެ.

ދިވެހިންނަކީ އެޒަމާނަކު ދިރިއުޅުމަށް ބޭނުންވާ ކަންތައް އެޒަމާނެއްގެ ފާޑަށް ކުރަމުން ގެންދިޔަ ބަޔަކަށްވެފައި، އަދި އެވޭލާޒަމާނުގައި ދުނިޔޭގެ އެހެނިހެން ތަންތަނާ އިޤްތިޞާދީ ރޮނގުން ވަރަށް ކުޑަކޮށް ގުޅުންހުރި ބަޔަކަށްވިޔަސް ދިވެހިންގެ މިޒާޖުގައި އަމިއްލަ ވަންތަކަން އެއިރުވެސް ހުންނާތީ، އެބައިމީހުންގެ ފުއްދުންތެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންގޮސްފައިވެއެވެ. ޒަމާނަށް އަންނަ ކޮންމެ ބަދަލެއް އިންސާނުންނަށްވެސް އަންނާނެއެވެ. ނަމަވެސް އެބައެއްގެ ގަހަނާއެއް ކަމުގައި ދެކިގެން އަޅަމުން އައި، ރީތި އާދަކާދަ ބަދަލުވެ ނެތި ދާއިރު ބަލަން ނުތިބެމާ ހިނގާށެވެ.

ހިތާމައަކީ ޒަމާން ބަދަލުވެ ތަހުޒީބުގެ މަގުން ދިވެހިން ކުރިއަރައި ދާންފެށުމުން މިދެންނެވި ބައެއް ރިވެތި އާދަތަކަށް ކިލަނބުކަމެއް އައިސްފައިވާތީއެވެ. ގޯތިތެރެ ސާފުކުރުމާއި ކުނި އުކުން އެއީ ދިވެހީން ވަރަށް ގަޔާވެގެން ކޮށްއުޅުނުކަމެކެވެ. އެ ޒަމާނުގައި ސާފުތާހިރުކަމަކީ ދިވެހީންގެ ގައިގަ އަށަގަނެފައިވާ ރީތި ސިފައެކެވެ. ޒަމާނަށް އައި ބަދަލާއެކު ކުނި ކެހުމާއި ކުނި އުކުމުގައި މިހާރު ވަނީ ތަހުޒީބީ އައު ބަދަލުތަކެއް އައިސްފައެވެ. އެއް އިރެއްގައި ގެ ކައިރިގައި އުޅޭ ބިދޭސީ މީހާގެ ހަލާކުވެފައިވާ ބައިސްކަލްގަނޑުން އުފުލި ކުނިތައް މިއަދު އުފުލުމަށް ޚާއްސަ އުޅަނދުތަކެއް އެބަހުއްޓެވެ. އެކި ސައިޒުގެ ކުންޏަށް އެކި އުޅަނދުތަކެވެ. އެކި ބާވަތްތަކުގެ ކުންޏަށް އެކި ޑަސްބިންތަކެވެ. ކުނިކަހާ މީހާވެސް ސީދާ ގެއަށް އަންނަނީއެވެ.

އާދޭހެވެ. ތިޔަހީވީ ރަނގަޅަށެވެ. ވެމްކޯ ކުންފުނީގެ ވާހަކައެވެ. މި ކުންފުނި ވުޖޫދުވިފަހުން މާލޭގެ މަގުތަށް ކުރިޔަށްވުރެ އެތައްގުނައެއް ސާފްވެއްޖެއެވެ. އެއްކަލަ ބައިސްކަލާ އެކު ދިވެހިންގެ މުރާލިކަން ނެތިގެން ހިނގައްޖެއެވެ. ވެމްކޯގެ މުވައްޒަފުން މުޅި ރެޔާއި ދުވާލު އަދި، ވަކިން ޚާއްސަކޮށް ކޮވިޑްގެ މި ނުރައްކާތެރި ހާލަތުގައިވެސް އެވެރިން އެދަނީ އަޅުގަނޑުމުގެ ގޭގައި ކުނި ގިނަ ވިޔަނުދީ ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މަހު ކުލި ދެއްކިތޯ ޚިދުމަތެއް ރަޖިސްޓްރީ ކުރިތޯ ބެލުމެއް ނެތި ހާލަތާއި ގުޅޭގޮތުން މާލެއަކީ ސާފު މާލެއަކަށް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތަށް ސާބަސް ހައްގެވެ.

ވެމްކޯގެ ވާހަކަ މި ލިޔުމުގައި އައި ނަމަވެސް ހަގީގަތަކީ ދިވެހިންގެ އާދަކާދަތައް ހުރިހާ ދިމާލަކަށް ބެލިކަމުގައި ވިޔަސް ވަނީބަދަލުވެފައެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޒަމާނީ ފަސޭހަތަކާއި އެކު އޮޔާލައި، ވަޅުޖެހި އަތްނުފޯރާ ހިސާބުގަ ވާތީއެވެ. ޘަޤާފަތާއި، އާދަކާދައަކީ ޤައުމެއްގެ، މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާ، އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ، ޘަޤާފީ އަދި މަދަނީ އާދަކާދައެވެ. އެއްޖުމްލައިން ލިޔެވުނަސް މީ ވަރަށް ގިނަ ވާހަކަތަކެކެވެ. ކާބަފައިންގެ ފަރާތުން ލިބިފައިވާ އަޅުގަނޑުމެންގެ ވާރުތަ މުދަލެވެ.