English Edition
Dhivehi Edition
ފޮޓޯ: އިންސްޓަގްރާމް އެކައުންޓް އަރްޝީ

ސްކޫލް ދުވަސްވަރުގެ ހަނދާންތައް އާ ކޮށްލާނަމެވެ. އެއްކޮށް ކިޔެވި ގިނަ ކުދިން ބޭނުންވީ ނަރުހުންނަށްވާށެވެ. ސަބަބުތައްވެސް ވަރަށް ސާދާ ވެފައި ފުރިހަމައެވެ. ބަޔަކަށް އެހީތެރިވުމަށެވެ، ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އޯގާތެެރިކަމާއިއެކު އަޅާލުމަށެވެ. ނަރުހެކޭ ބުނުމުން އަބަދުވެސް ހިތަށް ގެނެވެނީ އެފަދަ ސިފަތަކެކެވެ. ހޮސްޕިޓަލަކީ އާއިލާއެއް ނަމަ ނަރުހުންނަކީ މަންމަ އެވެ. ހަށިގަނޑެއް ނަމަ އެއީ ހިތެވެ.

ކޯވިޑް19 އާއި އެކު މިއަދު ނަރުހުން މިވަނީ މަސައްކަތުގެ ދާއިރާގައި ކުރިމަތިލާން ޖެހުނު އެންމެ ބާނި ބޮޑު ކަނޑާ ކުރިމަތިލާން ޖެހިފައެވެ. ފަރުވާ ދިނުމުގައި ވާންޖެހޭ ގުރުބާނީވެސް ބޮޑީއެވެ. މަސައްކަތުގެ މާހައުލުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތައްވެސް ގިނައީއެވެ. ދުނިޔޭގެ ނިސްބަތުން ކޯވިޑް19 އަށް ފައްސިވި ސިއްހީ މާހިރުން ގިނަވުމުން ބަލީގެ ބިރުވެސް އެބައޮތެވެ. ނަރުހުން މިހާތަނަށް ދައްކާފައިވާ ހިތްވަރާއި ގުރުބާނީއިން ސާބިތުވި އެއްކަމެއް އެބައޮތެވެ. ބާނި ކިތަންމެ ބޮޑަސް އަދި ރާޅުތައް ކިތަންމެ ބިޔަވި ކަމުގައިވިޔަސް ދަތުރުގައި ބަދަލެއް ނުވެ ސާބިތުކަމާއެކު ނަރުހުން ތިބޭނެއެވެ.

ނަރުހުން އެ ސާބިތުކަންމަތީ ދިމާވި ކޮންމެ ކަމެއްގައި ގައުމުގެ އާންމު ސިއްހަތު އިސްކުރިއިރު އެކަން ދަންނަ އާންމުން އަންނަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. ޒާތީ ގޮތުން ނަރުހުންނާއި ޖައްސާލައިފިއެވެ. ވަޒީފާއިން ލިބިދޭން ޖެހޭ ހައްގު ތަކެއް ހޯދަން ނަރުހުން ވަކާލާތު ކުރިއަސް ނަރުހުންނަކީ އަމިއްލަ އެދުން ބޮޑު ބަޔަކަށް ހަދައި އެމީހުންގެ ނަން ކިލަނބު ކޮށްފިއެވެ. އާންމު ދިރިއުޅުމާއި މަސައްކަތުގެ މާހައުލު މަސްހުނި ކޮށް ނަރުހުންނަށް ބަދު ބަސް ބުނުން އާންމުކޮށްފިއެވެ. ނަރުހުންނަކީ ވަރުބަލިވެގެން ނުވާނެ، އާއިލާއެއް ނެތް އަދި އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ބައެއްކަމަށް ދޭހަވާ ބަހުރުވައިން ސޯޝަލް މީޑިއާ ފުރާލައިފިއެވެ.

ނަރުހުންގެ ޝުއޫރުތައްވެސް މަދު މަދުން މިހާރު ސޯޝަލް މީޑިއާގައި އަންނަނީ އާންމު ވަމުންނެވެ. އެގޮތުން ދާދި ފަހުން ފެނުނު ޕޯސްޓެއް ހިއްސާ ކޮށްލާނަމެވެ. ފޭސްބުކް އިން ފެނުނު އެ ޕޯސްޓުގައި ވާ ގޮތުން އެ ނަރުސް އެންމެ ކުޑައިރުއްސުރެވެސް ބޭނުންވީ ނަރުހަކަށްވާށެވެ. ސްކޫލް ނިންމީ ރަންކުލަތަކާއި އެކު އެވެ. އެކި ދާއިރާތަކުން ކިޔަވާނެ ފުރުސަތުވެސް ލިބުނެވެ. ނަމަވެސް އިސްކުރީ ޤައުމިއްޔަތުކަމެވެ. ނަރުސްކަން ކިޔަވާ ނިމި ވަޒީފާ އަށް ނިކުމެ ޒަވާޖީ ހަޔާތެއް ފެއްޓުނެވެ. ވަޒީފާ އަދާ ކުރަން ޖެހުނު ޑިޕާޓްމެންޓްގެ ގޮތުން ގިނަ ވަގުތުތަކެއް ވަޒީފާގައި ހޭދަކުރިއެވެ. އެތައް އާއިލީ އެއްވުން ތަކަކާއި ހަފްލާތަކަކަށް ނުދެވި ދިޔައެވެ. އަލަތު ދަރިފުޅު ލިބި މުޅި ދިރިއުޅުން ބަދަލުވިއެވެ. ބަދަލުވި ނުވި އެކައްޗަކީ ނަރުސްކަމަށް އިން ލޯތްބެވެ. ކޯވިޑް19އާއި އެކު މަސައްކަތް ކުރަން ޖެހުނީ ހުޅުމާލޭގައި ގާއިމު ކުރެވުނު ކޯވިޑް19 އަށް ފަރުވާދޭ ކޯވިޑް ފެސިލިޓީގައެވެ. ވަޒީފާއަދާކުރުމަށް ފަހު ކޮންމެ ދުވަހަކު އުފަން ދަރި އަދި އާއިލާ ކައިރިއަށް އައުން އެންމެ ހިތްހަމަޖެހޭ ގޮތަށް ނުވުމުން ނިންމީ އުމުރުން 1 އަހަރުގެ ތުއްތު ދަރިފުޅު ފިރިމީހާ އާއި އެކު ފިރިމީހާގެ އާއިލާ ކައިރިއަށް ރަށަށް ފޮނުވާލުމަށެވެ. އެ ނަރުސް ބުނެފައިވާ ގޮތުން އަމިއްލަ އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށްވުރެން މިވަގުތު މުހިންމުވީ ޤައުމަށް ހިދުމަތްކުރުމެވެ. އަމިއްލަ ދަރިފުޅު ގައިގައި ފިރުމުމަށް ވުރެން އިސްކުރީ ދުވަހަކުވެސް ނުދަންނަ އެކަމަކު މިއަދު ނަރުހެއްގެ އަޅާލުމާއި ލޯބި ބޭނުންވެފައިވާ މީހުންނަށް ވަގުތު ހުސްކުރުމަށެވެ.

ބޭރުގެ ގިނަ ގައުމުތަކުން ނަރުހުންނަށް ލިބިދޭ ހައްގުތަކާއި އުޖޫރައާއި ބަލާފައި ރާއްޖޭގައި ލިބޭ އުޖޫރަ ނިސްބަތުން މަދެވެ. ލިބިދޭ ހައްގުތައްވެސް މަދެވެ. ހައްގުތަކެއް ހޯދުމަށް މަސައްކަތްކުރިއަސް ގިނަ ބަޔަކު ހަޑި ހުތުރު ބަސްތަކުން ފާޑު ކިޔައެވެ. ހަގީގަތާމެދުު ވިސްނާލަމާތޯއެވެ. ކޮންމެ ނަރުހެއްގެ ވެސް އާއިލާއެއްވެއެވެ، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް އަތުން ހަރަދު ތަކެއްވެސް ކުރަންޖެހެއެވެ، ދިރިއުޅުމަށްޓަކާ ހުވަފެންތަކެއްވެސް ދެކެއެވެ. ނިސްބަތުން ގިނަ ނަރުހުންނަކީ އަބަދުވެސް މަސައްކަތުގައި އުޅެެމުން ދާއިރާއިން މަތީ ތައުލީމު ހޯދަމުންދާ މީހުންނެވެ. މިހުރިހާ ކަމަކަށްވެސް ފައިސާ ބޭނުންވާއިރު ނަރުހުން މުސާރަ ބޮޑު ކޮށްދޭން އެދުމުން ނުވަތަ ލިބެން ޖެހޭ އެލަވެންސެއް ނުލިބުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރުމުން ބައެއް މީހުންނަށް އެކަންތައް މާ ހުތުރު ކަމަކަށްވަނީ ނަރުހުންނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ވިސްނުން ހުރީމަތޯ މިއީ މިއަދު ކޮށްލަން ޖެހޭ ސުވާލެކެވެ.

ކޯވިޑް19ގެ މި ދުވަސްކޮޅުގައި ހަގީގަތުގައިވެސް ނަރުހުން މިސާލު ދައްކައިފިއެވެ. ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން ޖެހުމުން އެކަމަށް ހޭނެން ނެގީ މަދު ދުވަސްކޮޅެކެވެ. ވަޒީފާ އަދާކުރަން ޖެހޭ ތަން ބަދަލު ވުމުން ޝަކުވާއެއް ނެތެވެ. ވަޒީފާގެ ޒިންމާ ބަދަލުވިއަސް އެ ލޯތްބާއި އަޅާލުމަށް ބަދަލެއްނައެވެ. ރައްކާތެރިކަމުގެ ގޮތުން ލާން ޖެހޭ ޕީޕީއީ ލައިގެން އުނދަގޫތަކެއް ހުއްޓަސް ދޭ ފަރުވާގެ ފެންވަރަކަށް ބަދަލެއްނާދެއެވެ. ފަރުވާދެމުންދެނީ ދޭ ހިތުންނެވެ. އަޅާލަނީ ލޯތްބާއެކުއެވެ. ބަލިމީހާގެ އާއިލާ ކައިރީގައި ނެތަސް އާއިލާ ނެތްކަމުގެ އިހުސާސު ކުރެވުނަ ނުދެއެވެ. މީހުން ކިޔަމުންދާ ފާޑު ކިޔުންތަކަށް ފަރުވާލެއް ނެތެވެ. ބުނަމުން ދަނީ އެއް އަޑަކުން އެއް ވާހަކައެކެވެ. ވަރުބަލި ވިއަސް، މަސައްކަތް ކިތަންމެ ބުރަވި ކަމުގައިވިއަސް އަދި އާއިލާ ނުފެނި ކިތަންމެ ހިތްދަތިވިއަސް މި ދަތުރު ނިންމާނީ ކޯވިޑް19 ބަލި ކޮށްފައެވެ. ދެންވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައެވެ.