English Edition
Dhivehi Edition

ނޭޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްއަކީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ތެރެއިން މިހާތަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫޢު ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެފިއެވެ.

ހައިކޮމިޝަނުން މިހެން ބުނީ، އައްޑޫގައި އިންޑިޔާއިން ހަދަމުންދާ ޕޮލިސް އެކަޑަމީ އާއި ގުޅޭ ގޮތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޢަލީ ނިޒާރު ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. އަލީ ނިޒާރުގެ ޓުވިޓްގައި އިންޑިއާ އަށް ތާރީފުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މި ފުލުސް އެކަޑެމީގެ ސަބަބުން އައްޑޫގެ އިގްތިސާދު ރަގަޅުވެ ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށެވެ.

ނިޒާރުގެ މި ޓުވިޓަށް ޝުކުރުއަދާކޮށް އިންޑިޔާ ހައިކޮމިޝަނުން ބުނީ އިންޑިއާއިން ބިނާކުރަމުންދާ ފުލުހުން ތަމްރީންކުރާ މަރުކަޒަކީ އައްޑޫގެ ވަށާޖެހިފައިވާ ތަރައްޤީގެ، ތަޞައްވުރުގެ ރަމްޒެއް ކަމަށެވެ. މި މަޝަރޫއަކީ 33 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއްކަން ފާހަގަކޮށް ހައިކޮމިޝަނުން ބުނީ، އެ ތަނަކީ އެންމެ ޒަމާނީ އާލާތްތަކާއެކީ ހުޅުވިގެންދާ ޒަމާނީ ފެންވަރުގެ ތަނެއް ކަމަށެވެ، އަދި އެތަނުގައި އުނގަންނައިދިނުމަށާއި، ކުޅިވަރު ކުޅުމަށާއި އަދި ތަމްރީނު ހޯދަންދާ މީހުން ތިބުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވާނެކަމަށްވެސް ހައިކޮމިޝަނުންވަނީ ބުނެފައެވެ.