English Edition
Dhivehi Edition

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައިވާ ގޮތަށް ބަލާއިރު ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ އަމާން، އެންމެ ރައްކާތެރި މަންޒިލަކީ އަދިވެސް ދިވެހިރާއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ގުޅިގެން “ކޯވިޑް ހުއްޓުވާނީ އަހަރެން”މިނަމުގައި ހިންގާ ކެމްޕޭން މިރޭ ފައްޓަވައި ދެއްވަމުން ރައީސް ވިދާޅުވީ މާތްﷲގެ އިރާދަފުޅުން މާލެ ފިޔަވާ ރާއްޖޭގެ އެއްވެސް ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އެކަމަކީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއްކަމަށެވެ. އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސް ތައް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ އިރު ރާއްޖޭގެ ހާލަތު ރަނގަޅަށް ބޭރު ދުނިޔެއަށް ހާމަ ކޮށްދޭން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް އިތުރު ވެ ކޯވިޑް19ގެ ސަބަބުން 29 މީހަކު ނިޔާވެފައިވާއިރު އެއީ ހާލަތު ގޯސްވާ ކަމުގެ ނިޝާނެއްކަމުގައެވެ. މީގެ އިތުރުން ރައީސް ވަނީ ބަލި މީހުންގެ އަދަދު އިތުރު ވަމުންދާނަމަ ސިއްހީ ނިޒާމުގައި ވަސީލަތްތައް ހުރި ކަމުގައިވިޔަސް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުކަތާވަރަށް ބަލި މީހުން އިތުރުވެއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އޮތްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ސާފުތާހިރުކަން އަދި ރައްކާތެރިކަން އިސްކުރުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައިވަނީ ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދު ތަކަށް ފުރިހަމައަށް އަމަލު ކޮށްފިނަމަ މިއީ ކޮންޓްރޯލް ނުކުރެވޭނެ ވަރުގެ ބައްޔެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ނޫސްވެރިންނަަކީ ގައުމަށް ދިމާވި ކޮންމެ ކަމެއްގައިވެސް އަމާން މަންޒިލަކަށް ރައްޔިތުން ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކޮށްފައިވާ ބައެއްކަމަށެވެ. އެގޮތުން ނޫސްވެރިން މި ފެއްޓި ކެމްޕޭނުގައި ސަރުކާރުގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތައް އަދި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން ކެމްޕޭނުގައި ބައިވެރިވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ކޮވިޑަށް ހޭލުންތެރި ކުރުމާ ގުޅޭ ގޮތުން ޚާއްސަ މަސައްކަތެއްފަށައި ރާއްޖޭގެ މީޑިއާ ތަކާއެކު މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމް ކުރުމަށް ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ. މި ކޮމެޓީގެ ބެލުމުގެ ދަށުން ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށްޓަކައި ކަމާ ގުޅޭ ވީޑިއޯތަކާއި ރިޕޯޓު ތަކާއި ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ޕްރޮގްރާމްތައް “ކޯވިޑް ހުއްޓުވާނީ އަހަރެން”ގެ ނަމުގައި ހިންގާ ކެމްޕޭންޙަރަކާތުގެ ގެ ތެރެއިން މީޑިއާތަކުން ގެނެސްދޭން ވަނީ ނިންމާފައެވެ.