English Edition
Dhivehi Edition
ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންނެވުން/ފޮޓޯ ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީއާއި ފުވައްމުލައްސިޓީ އަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވާނެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި އެމަނިކުފާނުގެ މިދަތުރު ފުޅުގައި ފުވައްމުލައް ސިޓީގެ އިތުރުން ގަމާއި، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫ އަށް ޒިޔާރަތް ކުރައްވާނެއެވެ.

މިދަތުރުފުޅުގައި ހިނގާނެ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވައި ދެއްވުމާއި ،ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި ، އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ. އަދި މީގެއިތުރުން މަރަދޫ އާއި މީދޫ ގެ ބަނދަރު ހުޅުވައިދެއްވުމާއި، ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުމުގެ އިތުރަށް ، އައްޑޫސިޓީ ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވުން ހިމެނެއެވެ.

ރައީސް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާރޗް 28 ވަނަ ދުވަހު އެވެ.

ރައީސުލް ޖުމްހޫރިއްޔާ އައްޑޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް އައްޑޫގެ ބައެއް ސަރަޙައްދުތައް ބަންދުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގަން ޕްލިސް ސްޓޭޝަންގެ އިންޗާޖް، ކޮމާންޑަރ ޢަބްދުﷲ އިބްރާހީމް ވަނީ މަގު ބަންދު ކުރާ ވަގުތުތަކުގައި ޢާއްމުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް މަގުތަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާރޗް 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން އެ ރޭ 9:30 އަށް ގަމަށް އަރަން ހުއްދަ ދެނީ ފުރާ މީހުންނަށާއި ދައުވަތު ދެވިގެން ގަމަށް ދާ މީހުންނަށް އެކަންޏެވެ. އަދި އެ ދުވަހުގެ ރޭގަނޑު 9:00 އިން 22:30އަށް ހިތަދޫ ސިޓީ ކައުންސިލް މަގު ބަންދުކުރާގޮތަށް ހަމަޖެހިފައިވެއެވެ. .

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ބަންދު ކުރާ މަގުތައް

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް މާރޗް 27 ވާ އާދީއްތަ ދުވަހު ހެނދުނު 7:00 އިން 12:00 އަށް ލިންކް ރޯޑްގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެއެވެ.

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ބަންދު ކުރާ މަގުތައް

އެ ދުވަހުގެ ހެނދުނު 11:00 އިން 13.00 އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު ބަންދުކުރާއިރު، އެ ދުވަހުގެ މެންދުރު 12:00 އިން 13:30 އަށް ހިތަދޫ ސްކޫލް ސަރަހައްދު ބަންދުވާނެ އެވެ.

ހަމަ އެދުވަހުގެ 13.00 އިން 14:00 އަށް ހިތަދޫ ސުވާދިވް ރެސްޓޯރަންޓް ސަރަހައްދު ބަންދުކުރަން ހަމަޖެހިފައިވާ އިރު 14.00 އިން 15.30 އަށް މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރު ސަރަހައްދު ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ.

އާދީއްތަ ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 4:45 އަށް ފޭދޫ ސްކޫލް ސަރަހައްދު ބަންދުކުރަން ހަމަޖެހިފައިވާ އިރު އެ ދުވަހުގެ އިރާކޮޅު 7:00 އިން 8:00 އަށް އޭއީއެޗް ސަރަހައްދު ބަންދުވާނެ އެވެ. އަދި ރޭގަނޑު 9:00 އިން ހިތަދޫ ސިޓީ ސްކޮޔަރ ހިމެނޭ ސަރަހައްދުގެ ލިންކް ރޯޑް ބަންދުވާނެ އެވެ.

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް އައްޑޫގައި ބަންދު ކުރާ މަގުތައް