English Edition
Dhivehi Edition
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވައިޑޯޑޯ. --ފޮޓޯ: އޭއެފްޕީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19), މި މަހުގެ ތެރޭގައި އެންމެ ޕީކަށް އަރާނެ ކަމަށާއި، އަދި މި އަހަރު ނިމުމުގެކުރީން ރައްކާތެރިކަމުގެ ގޮތުން އެންމެންނަށް ބޭނުންކުރެވޭނެ ވެކްސިނެއް ލިބޭނެކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވައިޑޯޑޯ ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު އާބާދީގެ ނިސްބަތުން ޓެސްޓުކުރެވޭ މިންވަރުގެ ގޮތުން ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ ހިމެނިފައިވާއިރު، މިހާތަނަށް އެ ގައުމުން ޕޮޒިޓިވްވި 177،571 މީހުންގެ ތެރެއިން 11 އިންސައްތައިގެ މީހުންނަށް ބަލިޖެހިފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތިން ދުވަހުގެ ތެރޭގައެވެ.

މީގެއިތުރުން، ދެކުނުއިރުމަތީ އޭޝިޔާ އިން ކޮވިޑް-19ގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އިންޑޮނޭޝިއާ އިންނެވެ. މި ބަލީގައި އެ ގައުމުން 7،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ވޭތުވެދިޔަ ތިން ދުވަހު ވެސް އެވްރެޖްކޮށް އަލަށްބަލިޖެހޭ މީހުންގެ އަދަދު އުޅުނީ 2،700 އަށްވުރެ މަތީގައެވެ. އިންޑޮނޭޝިއާ އިން މި ބަލީގައި ރަނގަޅުވި މީހުންގެ އަދަދަކީ 128,057 އެވެ.

މި ބަައްޔަށް މުޅި ދުނިޔޭން މިހާތަނަށް 25.7 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 857,509 އެއްހާ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 18,047,646 އެވެ.