English Edition
Dhivehi Edition
18 ޖުލައި 2020 ވަނަ ދުވަހު އަޑިއަށްދިޔަ "ކަނޑުރޯަދި 1" މަސްދޯނި - ފޮޓޯ: އެމްއެންޑީއެފް

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭ 20:30 އިން މެންދަމު 02:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.

އަދި އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

އަދި ބޯކޮށް ވާރޭވެހި، ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.