މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި، މި ސަމާލު ދެމިއޮންނާނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭގެ 9:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހަށް ބަލާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ބޯކޮށް ވާރޭވެހޭނެ ކަމަށް މިވަގުތު ލަފާނުކުރެވޭ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.