English Edition
Dhivehi Edition
ރަށެއްގެ ބަނދަރުމަތީ ފުރަންގޮސް ތިބި ބައެއް

ކުރިއަށް އޮތް އަޟްހާ އީދުގެ ބޮޑު ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުތައް ރާވާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބަލައިގެން ދަތުރުތައް ޕްލޭންކުރުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިރުޝާދު ދީފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ސަރުކާރު ބަންދުވާތީ ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ބެލެވޭއިރު، ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވުމާއެކު ދަތުރުވެރިން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް ހޯނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އެވްރެޖްކޮށް ވައި ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް، މި މަހުގެ 26 އިން ފެށިގެން 29 އާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކަށް ވައި އިތުރަށް ގަދަވެ، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ 10 މޭލާއި 20 މޭލާ ދެމެދުގައެވެ.

އީދު ދުވަސްވަރުގެ މޫސުމާ ގުޅޭގޮތުން މެޓް އޮފީހުން އިތުރަށް ބުނީ، އީދު ބަންދުގެ ތެރޭގައި ހިމެނޭ 27، 28 އަދި 29 ވަނަ ދުވަހު ކަނޑުތައް އާދައިގެ ވަރަކަށް ގަދަކޮށް އުޅޭނެ ކަމަށެވެ. މުޅި ރާއްޖެއަށް ބަލާއިރު މާބޮޑު ވިއްސާރައެއް ކުރިއަށް ލަފާނުކުރި ނަމަވެސް، އުތުރުގެ އަތޮޅުތަކަށް އީދު ތެރޭގައި ވިއްސާރަކުރުމުގެ ފުރުސަތު އެބައޮތެވެ. ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމުން ފަސް ދުވަހަށްވުރެ އިތުރަށް މޫސުން ލަފާކުރުމުގައި ބަދަލުތަކެއް އަތުވެދާނެތީ، ދަތުރުތައް ޕްލޭންކުރާއިރު އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް މެޓުން އިލްތިމާސްކުރެއެވެ.