އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެތީ ދަތުރުތައް ރޭވުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ހަފުތާގެ ބާކީ ދުވަސްތަކުގައި އެ ސަރަހައްދުތަކަށް ގަދަވަޔާއެކު ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ. އެހެންކަމުން ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން އެދެއެވެ.