English Edition
Dhivehi Edition

ކޮވިޑް19ގެ ސަބަބުން ދުނިޔޭގެ ނުވަދިހަ އިންސައްތަ ގައުމުގެ ސިއްހީ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މިއަހަރުގެ މާޗް މަހުން ޖޫން މަހަށް ދުނިޔޭގެ 105 ގައުމެއްގެ ސިއްހީ ފަރުވާދޭ ތަންތަނުގެ މައުލޫމާތު އެއްކޮށްގެން އާންމު ކުރި މި ދިރާސާގައި ދައްކާ ގޮތުން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ މެދުފަންތީގެ އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ވިދާޅުވެފައިވަނީ ކުރެވުނު ދިރާސާގެ އަލީގައި ސިއްހީ ދާއިރާގައި ހުރި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތަކެއް ފާހަގަ ކުރެވިއްޖެކަމަށާއި ލިބުނު މައުލޫމާތުގެ ސަބަބުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ގިނަ ކަންތަކެއް ފާހަގަ ކުރެވިއްޖެކަމަށެވެ. މީގެ އިތުރުން ކޮވިޑް19 ފަދަ ބަލިމަޑުކަމަކަށް ދުނިޔެ ތައްޔާރުވެފައި އޮތުން މުހިންމު މިންވަރު ހާމަވެގެން ގޮއްސި ކަމަށްވެސް ޑރ. ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.
ގަވައިދުން ދޭން ޖެހޭ ވެކްސިން ދިނުމުގައި ދުނިޔޭގެ 70 އިންސައްތަ ގައުމުގެ ސިއްހީ ނިޒާމަށް ބުރޫ އަރާފައިވާއިރު ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ދުނިޔޭގެ 69 އިންސައްތަ ގައުމުތަކަށް ވަނީ ބުރޫ އަރާފައެވެ. އާއިލާ ރޭވުން އަދި ސިކުނޑީގެ ބަލިތަކަށް ފަރުވާ ދިނުމަށް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގައުމުތަކަށް ބުރޫ އަރާފައިވާއިރު ދުނިޔޭގެ 76 އިންސައްތަ ގައުމަކަށްވަނީ ޑޮކްޓަރަށް ދެއްކުމާއި ނުރައްކާތެރި ބަލިތަކަށް ސްކްރީން ކުރުމުގައި ބުރޫއަރާފައެވެ.
ޑަބްލިއުއެޗްއޯ އިން އާންމުކުރި ގޮތުގައި ކޮރޯނާވައިރަހަށް ފަރުވާދިނުން އިސްކުރުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ގިނަ ބަލިތަކަކަށް ކޮންމެހެން ދޭން ޖެހޭ ފަރުވާ ދިނުމުގައި ދަތިތައް ދިމާވެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން ސިއްހީ ނިޒާމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޑަބްލިއުއެޗްއޯގެ ލަފާ ހޯދާ ލަފާޔާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން ބަލި މީހުން ހޮސްޕިޓަލަށް ނައިސް ގޭގައި ތިބެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ގިނަ ގައުމުތަކެއްގައި މަގުފަހި ކޮށްދީފައިވާކަން އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް19 އިން ގައުމުތަކުގެ ސިއްހީ ނިޒާމަށް އައިސްފައިވާ ލޮޅުންބަލައި އެ ގައުމުތަކުން އެކަންތަކުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތް ހިއްސާކުރެވޭނެ އޮންލައިން ޕޯޓަލް އެއް ގާއިމުކޮށްފައެވެ. އެގޮތުން ގިނަ ގައުމުތަކަކުން ދަނީ އެ ގައުމުތަކުގެ ސިއްހީ ހާލަތު ހާމަކޮށް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހިއްސާ ކުރަމުންނެވެ.