English Edition
Dhivehi Edition

މި މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހު ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުން ފެށިގެން ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާ ކަމަށާއި އެހެންކަމުން އެ އަދަދު ހާއްސަ ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމަށްކަމަށެވެ. ރާއްޖޭގައި ރުފިޔާގެ އަގު ވެއްޓި ޑޮލަރު ރޭޓް 20 ރުފިޔާއަށް ބާޒާރުގައިއަރާފައިވާ އިރު، އެމްއެމްއޭ އިން ބުނީ ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10 ޕަސެންޓުން ން 7.5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި 7.5 ޕަސެންޓުން 5 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށްވެސް އެމްއެމްއޭ އިންވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނި ގޮތުގައި ބާޒާރުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް އެމްއެމްއޭއިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައި ވުމުން، ރާއްޖޭގެ ރަސްމީ ރިޒާވްއަށް އެކަމުން އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަން ކުޑަކުރުމަށް އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، އެ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.