ހުޅުމާލޭ ޖަލުން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއާއެކު ހުޅުމާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މީގެ ކުރިން ހާމަކުރި ގޮތުގައި މިއަދު ފުރަތަމަ ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައިވާ ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކާއި، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެކެވެ.
ކަރެކްޝަންސް އިން އިން މިއަދު އާންމުކުރި މަޢުލޫމާތަށް ބަލާއިރު ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ 10 ސާމްޕަލެއް ނަގާފައިވާއިރު، އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ. އަދި ޖުމްލަ 41 ޤައިދީއެއްގެ ސާމްޕަލް ނަގާފައިވާއިރު، ޕޮޒިޓިވްވެފައި ވަނީ 07 ޤައިދީއެކެވެ. 19 ޤައިދީއަކު ނެގެޓިވްވެފައިވާއިރު، 15 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައި ނުވެއެވެ.
މީގެ އިތުރުން އެ ޖަލުގައި ތިބި 31 ޑިޓެއިނީއެއްގެ ސާމްޕަލް ނަގާފައިވާއިރު، ޕޮޒިޓިވްވެފައި ވަނީ 05 ސާމްޕަލެވެ. އަދި 16 ސާމްޕަލް ނެގެޓިވްވެފައިވާއިރު، ނަތީޖާ ލިބިފައި ނުވަނީ 10 ސާމްޕަލެއްގެއެވެ.
ހުޅުމާލެ ޖަލުން ޖުމްލަ 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،667 އަށް އަރައިފަ އެވެ.