އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ކ. ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ. އަދި އޮފިސަރު ހައްޔަރުކުރީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މީގެ އިތުރުން އެ އޮފިސަރުގެ އަތުން މަސްތުވާތަކެތި ވެސް އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ އޮފިސަރު މިހާރުހުރީ ކަރެކްޝަންއިން ސަސްޕެންޑުކޮށްފައި ކަމަށާއި މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ދޭތެރެދޭތެރެއިން އަންނަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.