English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް އިން ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ވަހީދަށް ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގުމުން އެމަނިކުފާނު ނިންމަވާފައި ވަނީ މިއަދު ހަވީރު 16:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

އިދިކޮޅުން މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު މުޒާހަރާގައި މާސްކު ނާޅުއްވައި ހުންނަވައި އެ މުޒާހަރާގައި ޑޜ. ވަހީދު ވާހަކަފުޅު ދައްކަވާފައިވާއިރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ.ވަހީދު ވިދާޅުވީ ފުލުހަށް ހާޒިރުވާން އެންގީ އެ މުޒާހަރާއާ ގުޅިގެން ކަމަށާއި އެމަނިކުފާނު މުޒާހަރާގެ ތެރޭގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ. މީގެ އިތުރުން ޑރ. ވަހީދު ވިދާޅުވީ މާސްކު ނެންގެވީ ވާހަކަފުޅު ދައްކަވަން ކަމަށާއި، ނަމަވެސް އޭރުވެސް ހުންނެވީ މުޒާހަރާގެ ބައިވެރިންނާ ދުރުގައި ކަމަށެވެ.

ޑރ. ވަހީދުގެ އިތުރުން އިދިކޮޅުން ބޭއްވި ސައިކަލުން ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގާފައެވެ. ޝުޖާއު އަށް ފުލުހުން ފޮނުވި ޗިޓްގައި އަންގާފައި ވަނީ މިރޭ 19:00 އަށް ފުލުހަށް ހާޒިރު ވާށެވެ.