އިންޑޮނޭޝިއާގެ އަންހެނެއްކަމުގައިވާ އުމުރުން 104 މަރީއާ މާރގަނީ މުޙައްމަދު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖިއްދާއަށް ދިއުމުން އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެތައް ހާސް މީހުންގެ ތެރެއިން މަރީއާ އަކީ އުމުރުން އެންމެ ދުވަސްވީ ހައްޖުވެރިޔާއެވެ.
މަރީއާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެތައް ބަޔަކު ވަނީ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާރޕޯޓަށް ގޮސްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އިންފޮމޭޝަންގެ ޑިރެކްޓާރ އަބްޓުލްކާލިގް އަލްގް އަލް ޒަހްރާނީ ގެ އިތުރުން ޖިއްދާގެ އިންޑޮނޭޝިއަން ކައުންސިލް އަދި ސައުދީ އަރަބިއްޔާގެ އެތައް މީޑިޔާ އަކުންވަނީ މި އިވެންޓް ކަވަރު ކޮށްފައެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ މުސްލިމުން ގިނަ ގައުމެވެ. އަދި ކޮންމެ އަހަރަކު ހައްޖުގެ އަޅުކަންއަދާކުރުމަށް އެންމެ ގިނަ އަދަދެއްގެ މުސްލިމުން ދަތުރުކޮށްފައި ވަނީވެސް އިންޑޮނޭޝިއާއިންނެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ވަކި އަދަދަކަށް މީހުންނަށް ދެވޭ ގޮތަށް އޮތުމުގެ ސަބަބުން އިންޑޮނޭޝިއާ ފަދަ އާބާދީ ބޮޑު ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ދެވެނީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށް ފަހުގައެވެ. ޖިއްދާގައި ހުންނެވި އިންޑޮނޭޝިއާގެ ކައުންސިލް ޖެނެރަލް ވިދާޅުވިގޮތުގައި މިހާރުވެސް ހައްޖުގެ އަޅުކަން އަދާކުރަން ނުދެވިފައި ތިބި އެގައުމުގެ މީހުންގެ ލިސްޓު 1 މިލިއަނަށް އަރާފައި ވެއެވެ.
އެހެންކަމުން މިއުމުރުގައި ހައްޖުގެ އަޅުކަން އަދާކުރަން ލިބުމަކީވެސް މަރީއާއަށް ލިބުނު ވަރަށް ބޮޑު ނިއުމަތެކެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މަރީއާގެ ހައްޖު ފަސޭހަކުރަށްވައި ޤަބޫލުކޮށްދެއްވުމަށް އެދި ދުޢާކުރަމެވެ.